14 މެއި 2019 - 11:30

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދޫކޮށްފައިވާ ބ. ހިބަޅިދޫގެ މައްސަލަ ސަރުކާރު މެދުވެރިވެގެން ހައްލު ކޮށްދިނުމަށް އެ ރަށް ހިންގަމުން އައި ބިޒްނާސް މޯލްޑިވްސް އިން ހުށަހަޅައިފި އެވެ.

ބިޒްނާސް މޯލްޑިވްސް އިން އެގޮތަށް ހުށަހެޅިއިރު، އެ ކުންފުންޏަށް ހިބަޅިދޫ އަނބުރާ ދޭން ދައުލަތުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ މިދިޔަ މާޗު މަހު ބާތިލްކޮށްފަ އެވެ. އެކަމަކު، އެ އަށް ސަރުކާރުން މިހާތަނަށް އަމަލެއް ނުކުރެ އެވެ. އަދި އެ ރަށް މިހާރު ވެސް ބަލަހައްޓަމުން އަންނަނީ ބިޒްނާސް އިންނެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްއާރުސީ) މެދުވެރިކޮށް ހިބަޅިދޫ 50 އަހަރަށް ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުން 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާގައި ބިޒްނާސް މޯލްޑިވްސް އިން ވަނީ އެކަމާ އިންކާރުކޮށްފަ އެވެ.
މި މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒް "މިހާރު" އަށް ވިދާޅުވީ ހިބަޅިދޫގައި ޓޫރިޒަމްގެ ބޮޑު އިންވެސްޓެއް ކުރަން ނިންމާފައި ވަނިކޮށް، އެ ރަށުގެ އެއްބަސްވުން ޔާމީންގެ ސަރުކާރުން ބާތިލް ކުރުމުން 76 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިޒްނަސް ކޮސްޓު ހިމެނެ އެވެ.
ރިޔާޒް ނިންމަވާފައި އޮތީ ރަޝިއާގެ ބިލިއަނަރަކާ ގުޅިގެން، ޓޫރިޒަމްގެ މުޅިން އާ ކޮންސެޕްޓަކަށް އެރަށް ތަރައްގީ ކުރުމަށެވެ. އެކަމަށް ޕްލޭންތަކެއް ވެސް އޭނާ ވަނީ ހައްދަވައިފަ އެވެ.
"ޔާމީންގެ ސަރުކާރުގެ މި އަމަލާ ގުޅިގެން، އަޅުގަނޑުގެ މިލްކިއްޔާތުގައި ހުރި ބައިވަރު މުދާތައް ވިއްކާލަން ޖެހުނު. ހުޅުމާލޭގައި އަޅުގަނޑު ހަދާފައި ހުރި ގެސްޓް ހައުސްއެއް ވިއްކާލަން ޖެހުނު. އަޅުގަނޑުގެ ޓްރެވެލް ކޮމްޕެނީ އަށް ބޮޑު ގެއްލުމެއް ވެ އަދިވެސް އެ އަޑިގަނޑުން ނާރާ،" މީގެ 19 އަހަރު ކުރިން ފެށިގެން ބޭރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވާ ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައި ކޯޓުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމާފައި އޮތަސް ދައުލަތުގެ ފަރާތުން ބޮޑު ބަދަލެއް ބޭނުމެއް ނޫނެވެ.
"އަޅުގަނޑު ފައިސާ ހޯދަން ބޭނުންވަނީ އަމިއްލަ މަސައްކަތް ކޮށްގެން. ދައުލަތުން ބަދަލުގައި ދޭ ފައިސާއެއް ބޭނުމެއް ނޫން. އަޅުގަނޑު ބޭނުމީ މި ރަށާ މެދު ސަރުކާރުން ގޮތެއް ނިންމެވުން. އަޅުގަނޑު ބޭނުމީ މި ރަށަށް އިންވެސްޓު ކުރަން. ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑު ލާރިގަނޑެއް ނެގުމަކީ ބޭނުންވާ ގޮތެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރަށް މިކަން ހައްލުކޮށްދެވޭނެ. މި މައްސަލަ ހައްލު ނުކުރެވި ގެއްލޭ އެންމެ ދުވަހަކީ ވެސް ސަރުކާރަށާއި އަޅުގަނޑަށް ވެސް ލިބޭ ގެއްލުމެއް. ރަށުގެ ކުލި ހިނގަމުން އައި ނަމަ އަހަރަކު މިލިއަނެއްހާ ޑޮލަރު ސަރުކާރަށް ވެސް ވަންނާނެ."
ރިޔާޒް ވިދާޅުވީ ބަޔަކު ސިޔާސީ ބޭނުމެއްގައި ހިންގި ކަންތައްތަކަކާ ގުޅިގެން ހުރިހާ ގެއްލުމެއް ވީ އޭނާ އަށް ކަމަށެވެ.
ހިބަޅިދޫގައި ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އިކުއިޒިޝަން ކޮސްޓް ނުދައްކާ ކަމަށް ދައުލަތުން ބުނެފައިވީ ނަމަވެސް، އޭނާ ވިދާޅުވީ، އެއީ ދޮގެއް ކަން ސޭލްސް އެންޑް ޕާޗޭސް އެގްރީމަންޓުން އެނގޭނެ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެ ފައިސާ ދެއްކުމަކީ ބިޒްނާސް ކުންފުނީގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ވާއިރު، އެއީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއް ކަމަށާއި އެފަދަ މާއްދާއަކާ ޚިލާފު ވުމަކީ އެއްބަސްވުން ބާތިލް ކުރެވިދާނެ ސަބަބެއް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
ނަމަވެސް ރިޔާޒް ވިދާޅުވީ ދޮޅު އަހަރު ވީއިރު ވެސް އިކުއިޒިޝަން ކޮސްޓަށް ވާ ފައިސާ ދައުލަތަށް ނުވަންނަ ކަމަށް ސަރުކާރުގެ އިދާރާ އަކުން މިހާތަނަށް އޭނާ އަށް އަންގާފައި ނެތް ކަމަށެވެ.
"ކޮންސްޓްރަކްޝަން ހުއްދަތަކާއި އެހެނިހެން ހުއްދަތައް އަޅުގަނޑުމެންނަށް ސަރުކާރުން ދޭނީ އިކުއިޒިޝަން ކޮސްޓަށް ވާ ފައިސާ ދެއްކީމާ. ދެން އެ ފައިސާ ދައުލަތަށް ނުވަނުމަކީ އަޅުގަނޑުމެންނަށް އެނގިގެން ވާ ކަމެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
"އިކުއިޒިޝަން ކޮސްޓު ނުދައްކާ ކިތަންމެ ރަށެއްގެ މަސައްކަތް އެ ދަނީ ކުރިއަށް. އޮޑިޓު ރިޕޯޓުގައި އެ ކުންފުނިތަކުގެ ނަން އެބަހުރި. ސަރުކާރަކުން ނޫޅޭ މަސައްކަތް ހުއްޓުވާކަށް. އެކަމަކު، އަޅުގަނޑާ ޖެހުނީމާ މަސައްކަތް ހުއްޓުވުމަކީ ވަރަށް ނާއިންސާފު ކަމެއް. މިހާރު މި އޮތީ އިންސާފު ހޯދައިދޭން އައި ސަރުކާރެއް. އަޅުގަނޑު ޔަގީން ކުރަނީ އަޅުގަނޑަށް ގެއްލިފައިވާ އިންސާފު ހޯދައިދޭނެ ކަމަށް."
ހިބަޅިދު އަކީ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުކޮޅުގައި ގޮއްވާލި ދުވަސްވަރު ފޮރުވާފައި ހުއްޓާ ހަތިޔާރުތައް ފެނުނު ރަށެވެ. އެ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.