14 މެއި 2019 - 08:29

ފިލްމު ކުޅެ އަދި ފިލްމު ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މި ވަގުތު ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަން ތައްޔާރު ނޫން ކަމަށް، ކުޅަދާނަ ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.
އޭނާ ބުނީ ފިލްމު ޑައިރެކްޓް ކުރުމުގެ ވިސްނުން ވެސް ކޮންމެވެސް ވަރަކަށް އެބަހުރި ކަމަށެވެ. އެކަމަކު އަދި މި ވަގުތު އެކަމަށް ތައްޔާރު ނޫން ކަމަށް ބުންޏެވެ.
"ފިލްމީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ. މި އިންޑަސްޓްރީގެ ކަންކަން ކުރިއަށްދާ ގޮތް ވެސް ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިއްޖެ. އެކަމަކު އޭގެ މާނައަކީ ފިލްމު އުފެއްދުމުގެ ހުރިހާ ޕްރޮސެސްއެއް އަހަންނަށް މިހާރު އެނގެއެކޭ ނޫން،" މިދިޔަ މަހު ރިލީޒްކުރި "ކަލަންކް" ގެ ބަތަލާ ބުންޏެވެ. "މި ވަގުތު އަދި ޑަރެކްޝަނަށް ތައްޔާރު ނޫނީ. އޭގެ ކުރިން އެބަހުރި އަދިވެސް ދަސްކުރަން ޖެހޭ ގިނަ ކަންކަން. ޑައިރެކްޓް ކުރެވިދާނެ ކަމުގެ އިތުބާރު އަމިއްލަ ނަފުސަށް ލިބުނު ދުވަހަކުން އެކަން ނުކުރާނަމެކޭ ނުބުނާނަން."
ބޮލީވުޑްގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފިލްމުތައް ކުޅެފައިވާ 52 އަހަރުގެ ބަތަލާ ބުނި ގޮތުގައި ބަތަލާއިންގެ ތެރެއިން ފިލްމުތައް ޑައިރެކްޓްކުރި މީހުންގެ ތެރެއިން ކުރީގެ ބަތަލާ ހެމާ މާލިނީއަކީ ފާހަގަކުރެވޭ މީހެކެވެ.
"ބޮލީވުޑުން ގިނަ އަންހެން ޑައިރެކްޓަރުން ފެނުމަކީ އަހަރެން ވެސް ވަރަށް އުންމީދުކުރާ ކަމެއް،" މަދޫރީ ބުންޏެވެ. "އަދި ހާމަކޮށްފައި ހުރި މަސައްކަތްތައް އަހަންނަށް ވަރަށް ކަމުދޭ."
ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ އާއި އޭނާގެ ފިރިމީހާ ޑރ. ސްރީރާމް ނޭނޭ މިދިޔަ އަހަރު ވަނީ އާރްއެންއެމްގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް ހަދައިފަ އެވެ. އެތަނުން އުފެއްދި ފުރަތަމަ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި މަރާޓީ ފިލްމު "ފިފްޓީންތު އޮގަސްޓް" އެވެ.
ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މި ފަހުން ޑައިރެކްޝަންށް ނުކުތް އޭ-ލިސްޓް ތަރިއަކީ ކަންގަނާ ރަނާވަތެވެ. އަދި އައިޝްވާރިޔާ ރާއީ އާއި ސޯނަމް ކަޕޫރް ފަދަ ބަތަލާ އިން ވެސް ވަނީ ޑައިރެކްޝަނަށް ނުކުންނާނެ ކަމުގެ އިޝާރާތްތަކެއް ދީފަ އެވެ.