12 މެއި 2019 - 15:16

ޓެކްސީގައި ހަރުކުރާ މީޓަރުތަކުން ނަގާނެ އަގުތައް ކަނޑައަޅާ ނިމިފައިވާ ކަމަށާއި މި ރޯދަ މަސް ނިމުމާ އެކު އެ އަގުތައް އިއުލާން ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މީޓަރު ހަރުކުރުމާ އެކު ދެން ފައިސާ ނަގާނީ ދަތުރުގެ ދިގުމިނަށް ބަލައިގެން ކަމަށާއި އެކަމަކު ދިގުމިނަށް އަރާ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ކަމަށެވެ. އެގޮތުން މީޓަރުން ނަގާނެ ފީގެ މިންވަރު ވެސް މިހާރު ކަނޑައަޅައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ރޯދައިގެ ފަހުން ފީތައް އަޅުގަނޑުމެން އިއުލާން ކުރާނަން،" އާދިލް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކަނޑައަޅާ އަގު، އާއްމުންނަށް އަދި ޑްރައިވަރުންނަށް ވެސް ބޮޑެއް ނުވާނެ އެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި މީޓަރު ޓެކްސީ ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުން ކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަންގައި ހުންނަންޖެހޭ ކަންތައްތަކާއި މިންގަނޑުތައް އަންނަ ހަފުތާގައި އާއްމު ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ރާއްޖޭގައި މިހާރު ވެސް ޓެކްސީކުރަން ބޭނުންކުރެވޭނެ ބައެއް މޮބައިލް އެޕްލިކޭޝަން ގެންގުޅެ އެވެ. އެ އެޕްތައް މެދުވެރިކޮށް ފަސޭހައިން ޓެކްސީ ބުކްކުރެވި އެ ދަތުރުކުރާ ގޮތް ބެލެ އެވެ. އެކަމަކު ޓެކްސީތަކުގައި ދެން ބޭނުންކުރެވޭނީ، ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭ ނަމަ، އެ އެޕްލިކޭޝަންތަކަށް ހުއްދަދޭނެ. އެ ވެދާނެ ދެ ތިން އެޕްލިކޭޝަނަކަށް ވެސް،" އާދިލް ވިދާޅުވެފައި ވެ އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ކުރިން ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ބަދަލުކުރަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށް ފަހު އެވެ.
މާލޭގައި ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ.