12 މެއި 2019 - 14:47

ރިޔާޒް (މެއި 12) - ސައުދީ އަރަބިއާގެ އިރުމަތީގެ ގަތީފް ސަރަހައްދުން އަށް ޓެރަރިސްޓުން އިއްޔެ މަރާލާފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ސަލާމަތީ ކަންކަމާ ގުޅޭ ތަރުޖަމާނާ ހަވާލާދީ ރަސްމީ ނޫސް އެޖެންސީން ބުނީ ދާދި ފަހުން އުފެއްދި ޓެރަރިސްޓް ގްރޫޕަކުން ދިޔައީ ސައުދީގައި ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވަމުން ކަމަށެވެ. އީސްޓަން ޕްރޮވިންސްގައި ސަލާމަތީ ފަރާތްތަކުން ޓެރަރިސްޓް ގްރޫޕް އުޅޭ ސަރަހައްދު ވަށާލުމާ އެކު އެ މީހުން ހަމަލާ ދޭން ފެށި ކަމަށް ނޫސް އެޖެންސީން ބުނެފައިވެ އެވެ.
"ފުލުހުން ފުރަތަމަ އެންގީ އެ މީހުން އަމާން ދިނުމަށް. އެކަމަކު އެ މީހުން އަމާންނުދީ ހަމަލާ ދޭން ފެށީ. ނަތީޖާއަކަށްވީ ފުލުހުން ހަމަލާދީ ޓެރަރިސްޓުން މަރާލުން،" ތަރުޖަމާން ވިދާޅުވި އެވެ.
މި އޮޕަރޭޝަނުގައި އާއްމުން ނުވަތަ ސަލާމަތީ ފަރާތްތަކުން އެކަކު ވެސް މަރުވެފައެއް ނުވެ އެވެ.
ގަތީފް ވެސް ހިމެނޭ އީސްޓަން ޕްރޮވިންސްގައި 2011 ވަނަ އަހަރުން ފެށިގެން ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. އީސްޓަން ޕްރޮވިންސްގައި ހަމަނުޖެހުން ހިންގަނީ ސައުދީ ސަރުކާރުން ޝިއައީންނާއި ސުންނީން ތަފާތު ކުރަމުންދާ ކަމަށް ބުނެ އެވެ.
ސައުދީ އަރަބިއާގެ 32 މިލިއަން މީހުންގެ އާބާދީގައި ޝިއައީންގެ ނިސްބަތަކީ 10-15 ޕަސެންޓް ކަމަށް ނުރަސްމީ ހިސާބުތަކުން ދައްކަ އެވެ.