12 މެއި 2019 - 14:36

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.31 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.
މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.31 ބިލިއަން ރުފިޔާ އަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 6.3 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު ވެސް 12 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 875 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 67 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނައީ އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ 861 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 55.9 މިލިއަން ޑޮލަރެވެ.