ވަޒީފާގެ ގިނަ ފުރުސަތުތަކަކާ އެކު ކިއްސަރު ފެއާ މަހިބަދޫގައި ފަށައިފި
ވަޒީފާގެ ގިނަ ފުރުސަތުތަކަކާ އެކު ކިއްސަރު ފެއާ މަހިބަދޫގައި ފަށައިފި

ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ "ކިއްސަރު ފެއާ" އދ. މަހިބަދޫގައި މިއަދު ފަށައިފި އެވެ.

ވަޒީފާގެ ގިނަ ފުރުސަތުތަކަކާ އެކު ކިއްސަރު ފެއާ މަހިބަދޫގައި ފަށައިފި
ވަޒީފާގެ ގިނަ ފުރުސަތުތަކަކާ އެކު ކިއްސަރު ފެއާ މަހިބަދޫގައި ފަށައިފި

މި ފެއާ އިންތިޒާމްކުރާ ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ހަ ކުންފުންޏަކާއި ނުވަ ރިސޯޓަކުންނާއި ގެސްޓްހައުސްތަކުން ބައިވެރިވާ ފެއާގައި 20 ސްޓޯލް ހުންނާނެ އެވެ. މާދަމާ ރޭގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި 150 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ފެއާގެ ބޭނުމަކީ ޒުވާނުންނަށް އެ މީހުން ދިރިއުޅޭ ރަށަކާ ވީހާ ވެސް ކައިރިން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން. މި ފެއާގައި ސްޓޯލްތައް ހިންގާ ފަރާތްތަކުން އިންޓާންޝިޕްގެ ފުރުސަތުތަކާއި މަތީ ތައުލީމުގެ ފުރުސަތުތަކާއި އަމިއްލަ އަށް ކުރެވިދާނެ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މި ފެއާ އަށް ޒިޔާރަތް ކުރަން ބޭނުންވާ އދ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް ޔޫތު މިސްޓްރީން ވަނީ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ޔޫތު މިނިސްޓްރީން ކޮންމެ އަހަރަކު އުތުރާއި ދެކުނުގައި މިފަދަ ފެއާތައް ދަނީ ބާއްވަމުންނެވެ. އެ ގޮތުން މި ފެއާ އެންމެ ފަހުން ބޭއްވީ އައްޑޫގަ އެވެ. އަންނަ އަހަރު ވެސް ދެ ރަށެއްގައި މި ފެއާ ބޭއްވުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.