ސޮނާކްޝީގެ "އަކިރާ" ބެލުންތެރިންނަށް ކަމަކުނުދިޔަ
ސޮނާކްޝީގެ "އަކިރާ" ބެލުންތެރިންނަށް ކަމަކުނުދިޔަ

ހުކުރު ދުވަހު ރިލީޒްކުރި، ސޮނާކްޝީ ސިންހާ ލީޑް ރޯލު ކުޅެފައިވާ "އަކިރާ" ބެލުންތެރިންނަށް ކަމަކު ނުދިޔަ އެވެ. ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި މި ފިލްމަށް ހޯދުނީ އެންމެ 51 މިލިއަން ރުޕީސް އެވެ.

މިއީ ތަމަޅަ ފިލްމު "މޯނާ ގުރޫ" ގެ ހިންދީ ވާޝަން އެވެ. ވަރުގަދަ ބަތަލުން އުޅޭ ފިލްމުތަކުގައި މީގެ ކުރިން ބަތަލާގެ ރޯލު ކުޅެފައިވާ ސޮނާކްޝީއަށް މިފަހަރު ޖެހުނީ މި ފިލްމުގެ ޒިންމާ ކޮނޑުގައި އަޅާށެވެ. އަދި ބަތަލުން ފިލްމުތަކުގައި ތަޅާފޮޅާ އުސޫލުން މި ފިލްމުގައި އެކްޝަންގެ ހުރިހާ މަންޒަރެއް ވެސް ކުޅެފައިވަނީ ސޮނާކްޝީ އެވެ.

ފިލްމަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ މި ފިލްމަކީ އާމިރު ޚާންގެ "ގަޖްނީ"ގެ އަންހެން ވައްތަރުގެ ފިލްމެއް ކަމަށެވެ. ނަމަވެސް "ގަޖްނީ" އާ ވާދަކުރެވޭ ވަރާ ފާތަށް ވެސް މި ފިލްމުގައި ފެންވަރެއް ނެތް ކަމަށް ކްރިޓީކްސް ބުނެފައިވެ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނެފައި ވަނީ "އަކިރާ" އަށް ފުރަތަމަ ދުވަހު ލިބުނީ 5.1 ކްރޯޑު (51 މިލިއަން ރުޕީސް) ކަމަށާއި ކުރިއަށް ހުރި ޝޯތަކަށް ގިނަ މީހުން ވަންނާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހަފުތާ ބަންދުގައި މި ފިލްމަށް 20 ކްރޯޑު (200 މިލިއަން ރުޕީސް) ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. މި ފިލްމަކީ އެންމެ 13 ކްރޯޑު (130 މިލިއަން ރުޕީސް) އިން އުފެއްދި ފިލްމެކެވެ. ފިލްމުގެ ބައެއް ޕްރޮމޯޝަންތަކަށް ބަލާލުމުން ވެސް ޕްރޮޑަކްޝަން ވެލިއު ވަރަށް ދަށް ކަން ފާހަގަކުރެވެ އެވެ.
އެހެންކަމުން މިހާރު ހިނގާ ވަރުން ވެސް ފިލްމަށް ގެއްލުމެއް ނުވާނެ އެވެ.