04 ސެޕްޓެމްބަރ 2016 - 06:27

ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރާއި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން އެކުގައި ކުޅުނު "އޭ ދިލް ހެ މުޝްކިލް"ގައި ފަވާދު ކުޅެފައި ވަނީ ވަރަށް ކުޑަ އެކަމަކު މުހިންމު ރޯލެއް ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.
މި ފިލްމުގައި ފަވާދުގެ ރޯލު ދިގުކޮށްފައިވާ ކަމަށް ވާހަކަ ދެކެވުނަސް އެއީ ދޮގެއް ކަމަށް ރަންބީރު ވެސް ވަނީ ބުނެފަ އެވެ. ރަންބީރު ބުނި ގޮތުގައި އޭނާއަށް ކުރެވޭނެ ކަމެއް ނަމަ ފިލްމުގައި ފަވާދުގެ ރޯލު ދިގު ކުރާނެ އެވެ.
މި ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކުރިތާ ތިން ދުވަސް ތެރޭގައި 12 މިލިއަނަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފަ އެވެ.
މި ފިލްމުގައި ރަންބީރާއި ފަވާދުގެ އިތުރުން އައިޝްވަރިޔާ ރާއީ އާއި އަނުޝްކާ ޝަރުމާ ލީޑް ރޯލުން ފެނިގެން ދާނެ އެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާއާ އެކު ފިލްމީ ތަރިންގެ ގިނަ ބަޔަކު މި ފިލްމަށް ތައުރީފުކޮށްފައިވެ އެވެ.
ފިލްމުގެ ޝޫޓިން ހިނގަމުން ދިޔަ ދުވަސްވަރު ފަވާދުއާ އެކު ވަރަށް މަޖާ ނެގި ކަމަށާއި ފަވާދަކީ ވަރަށް މަޖާ ރަނގަޅު އެކުވެރިއެއް ކަމަށް ރަންބީރު ބުނެފައިވެ އެވެ. އަދި ދެ މީހުންގެ މެދުގައި ވަރަށް ބޮޑަށް އެކުވެރިކަމެއް އުފެދިފައިވާ ކަމަށް ވެސް ރަންބީރު ބުންޏެވެ.