12 މެއި 2019 - 13:30

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމު (އީއާރު)ގެ އެއާކޮންޑިޝަންތައް ހަލާކުވެ، އެތަން ހޫނުގަދަވެ އާއްމުންނަށް ކުރިމަތިވެފައިވާ ތަކުލީފަށް އަދިވެސް ހައްލެއް ނުލިބެ އެވެ.
އައިޖީއެމްއެޗުގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ އީއާރުގެ އޭސީ ހަލާކުވެފައި ހުންނަތާ ގާތްގަނޑަކަށް ދެ މަސް ވަނީ އެވެ. އަބަދުވެސް ގިނަ ބަޔަކު ޑޮކްޓަރަކަށް ދައްކަން ގޮސް ތިބޭ އީއާރު "އަވަނެއްގެ" ގޮތުގައި ސިފަކޮށް، ޝަކުވާ ބޮޑުވުމުން، އީއާރުގެ ޔެލޯ ޒޯން މިހާރު ވަނީ ކުރީގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށް ބަދަލުކޮށްފަ އެވެ.
ފިޒިއޮތެރަޕީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
އައިޖީއެމްއެޗުގެ ކުއްލި ފަރުވާދޭ ކޮޓަރި އެހާ ހޫނު ގަދައީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޮޕަރޭޝަން ތިއޭޓަރުގެ އޭސީން ފެން ފައިބާތީ، އޮޕަރޭޝަންތައް ވެސް މެދުކަނޑާލަން ޖެހުނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ ސެންޓްރަލް އޭސީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެ ސިސްޓަމަށް ބޭނުންވާ ކޫލިން ޓަވަރުތައް ބޭރުން ގެނެސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް އެބަދޭ. މި މަސް ތެރޭގައި ހައްލެއް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ކުރިން ޔަގީންކަން ދީފައި އޮތީ، ބޭރުން ސާމާނު ގެނެސްގެން މެއި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށެވެ.
ސެންޓްރަލް އޭސީ ސިސްޓަމުގެ މައްސަލަ މި ޖެހުނީ، އިންޑިއާ ސަރުކާރުގެ އެހީގައި މަރާމާތުގެ ބޮޑު މަޝްރޫއެއް 2017 ގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.