04 ސެޕްޓެމްބަރ 2016 - 06:38

މި ޒަމާނުގައި މޮބައިލް ފޯނަކީ މީހެއްގެ ގާތްގަނޑަކަށް ހުރިހާ މައުލޫމާތެއް ރައްކާކޮށްފައި އޮންނަ ވަސީލަތެކެވެ. އެހެންކަމުން ސިޔާސީ ކަންކަމާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރާ ބައެއް މީހުންގެ ފޯނު އަތުލުން އާންމު ވުމަކީ ކުޑަ މައްސަލައެއް ނޫނެވެ. ފޯނު އަތުލާ ސަބަބާ މެދު ސުވާލު އުފައްދަން ޖެހޭ ހިސާބަށް މިހާރު އެކަން ވަނީ ގޮސްފަ އެވެ.

މިހާތަނަށް ފުލުހުން ފޯނު އަތުލި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހިޔަނި މިނިސްޓަރުން ކަމަށްވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފާއި ޝިދާތާ ޝަރީފާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އެމްޑީޕީގެ އިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅު ހަރަކާތަށް ނިސްބަތްވާ މި ހުރިހާ ބޭފުޅުންގެ ފޯނު ފުލުހުން އަތުލީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވިޔަސް، އެކަމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން ހުރި ކަން ބައެއް ވަކީލުންގެ ވާހަކަތަކުން އެނގެ އެވެ. މިސާލަކަށް ހަމައެކަނި ޓްވީޓެއް ކޮށްގެން މެމްބަރު އަލީ ހުސެއިންގެ ފޯނު ފުލުހުން އަތުލިއިރު، އެއީ ފުލުހުން ފޯނު އަތުލައިގެން ތަހުގީގު ކުރަން ޖެހޭ ކަމެއްތޯ އެ ވަކީލުން ސުވާލު އުފައްދަ އެވެ.
"ހެއްކެއްގެ ގޮތުގައި ޓްވީޓް ފުދޭނެ. އިތުރު ހެއްކެއް އެ ޓްވީޓާ ގުޅިގެން ދެން ހޯދަން ޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. މިސާލަކަށް ގާނޫނާ ހިލާފު ކަމެއް ކުރަން މީހަކު ޓްވީޓަކުން ގޮވާލިޔަސް އެވަރުން ތަހުގީގަށް ފުދެން ވާނެ،" ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.
"ފުލުހުންގެ ގާނޫނުގައި ވެސް އޮންނާނެ އެންމެ މިނިމަމް ބާރޭ ބޭނުންކުރަން ވާނީ. އެކަން އެގޮތަށް ދާން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ."
އަލީ ހުސެއިންގެ ފޯނު އަތުލި މައްސަލަ މިސާލަކަށް ނަންގަވަމުން، އެހެން ވަކީލެއް ކަމަށްވާ އިބްރާހިމް ރިފްއަތު ވިދާޅުވީ އެއީ އޭނާ ކުރެއްވި ޓްވީޓެއް ކަމަށް އަމިއްލައަށް އިއުތިރާފް ވުމުން، ދެން އޭނާގެ ފޯނު ތަހުގީގަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އިއުތިރާފް އެންމެ ބާރުގަދަ ހެއްކަކީ. ޝަރީއަތުގައި ވެސް މީހަކު ކަމަކަށް އިއުތިރާފް ވެއްޖެ ނަމަ އެއީ އެންމެ ބާރުގަދަ ހެކި ކަމަށް ބަލާނެ. ތަހުގީގީ މަރުހަލާގައި އިތުރު ކަމަކަށް ތުހުމަތުކުރާ ކަމަށް ވަނީ ނަމަ، އެ ވާހަކަ އެމީހެއްގެ ކައިރީގައި ބުނެފައި ފޯނު އަތުލެވިދާނެ،" ރިފްއަތު ވިދާޅުވި އެވެ.
"އެކަމަކު ފުލުހުން ގެންދިޔަ ބޭނުމަށް އެމީހަކު އިއުތިރާފު ވުމުން ދެން ފޯނު އަތުލަން ޖެހޭ ކަމަކަށް ނުފެނޭ."
ރާއްޖޭގައި އެކި މައްސަލަތަކަށް ކޯޓު އަމުރު ހޯދަނީ ވަރަށް "ފުޅާ މާނައިގައި" ކަމަށް ބައެއް މީހުން ބުނެ އެވެ. އެ މީހަކު ދިރިއުޅޭ ހުރިހާ ތަނަކާއި ގެންގުޅޭ ހުރިހާ އެއްޗެއް ބަލައި ފާސްކޮށް، ހެއްކާއި ގަރީނާ ހޯދުމާ ގުޅޭ އަމުރަށް ގިނަ ފަހަރު ފުލުހުން އޮންނަނީ އެދިފަ އެވެ. ކޯޓުން އެކަމަށް ރިއާޔަތްކޮށް އަމުރު ދީފި ނަމަ، ފާސްނުކުރެވޭ އެއް ތަނެއް ވެސް ނޯވެ އެވެ.
މައުމޫން ވިދާޅުވީ ފާސްކުރުމުގެ އަމުރުތަކަށް ފުލުހުން އެދެނީ، އެހެން ގައުމުތަކާ އަޅާބަލާއިރު، ވަރަށް ފުޅާކޮށް ކަމަށެވެ.
"އެހެންވީމާ އެ އަމުރެއް ނެރުއްވާ ފަނޑިޔާރުގެ ޒިންމާ ވެސް ވަރަށް ބޮޑު. ސާޗް ވޮރަންޓަށް އެދެނީ ރަނގަޅަށްތޯ ބެލުމަކީ އެ ފަނޑިޔާރެއްގެ ޒިންމާއެއް. އަމުރު ނެރޭއިރު ތުހުމަތުކުރެވޭ މީހާއެއް ނުހުންނާނެ ކުރިމައްޗަކު،" އޭނާ ވިދާޅުވި އެވެ.
ތަހުގީގަށް ފޯނު އަތުލަން ޖެހޭ ހާލަތްތައް ވެސް ހުންނާނެ އެވެ. އެކަމަކު ސިޔާސީ އެކި މައްސަލަތަކާ ގުޅިގެން ނުވަތަ އާދައިގެ ޓްވީޓަކާ ގުޅިގެން ވެސް ފޯނު ފަދަ ޒާތީ އެތައް މައުލޫމާތެއް ހިމެނޭ އެއްޗެއް ފުލުހުންގެ އަތަށް ދިނުމުން ދެން ނުކުމެދާނެ މައްސަލަތައް ވެސް މަދެއް ނޫނެވެ. ހާއްސަކޮށް ވައިބަ އާއި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތައް ފޯނުތަކަށް އަޅާފައިވާއިރު، އެމީހާގެ އަމިއްލަ ބާރު ނުހިނގާ އެތައް މައުލޫމާތުތަކާއި ފޮޓޯތައް ވެސް ފޯނަށް ރައްކާކުރެވޭ ގޮތްވެ އެވެ. ފުލުހުން ފޯނު އަތުލާ މައްސަލައިގެ ތަހުގީގުގެ ބޭރުން މުޅިން އެހެން މައްސަލައެއްގެ ތުހުމަތު އެޅުވުމުގެ ފުރުސަތު މި ޒަމާނުގައި އޮތީ ހުޅުވިފަ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފުލުހުން ފޯނެއް އަތުލުމަށް ފަހު، އެއިން ގާނޫނާ ހިލާފު އެހެން ކަންތައްތަކެއްގެ ހެއްކާއި ގަރީނާ ފެނިއްޖެ ނަމަ އެކަން ބަލަން ޖެހޭނެ އެވެ. އެކަމަކު ސާޗް ވޮރަންޓްގެ މަގުސަދުގެ ބޭރުން އެހެން ކަމެއް، ފޯނުން ބަލާ ނަމަ އެއީ ގާނޫނީ ގޮތުން ބަހުސް ކުރެވިދާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް ފޮޓޯއެއް ޑައުންލޯޑް ކޮށްފައި ހުރީ ސީދާ އޭނާގެ ފޯނުންތޯ ރަނގަޅަށް ބަލަން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
މީސްމީހުންގެ މޮބައިލް ފޯނު، ފުލުހުންގެ ތަހުގީގަށް ގެންދިއުމުން ގާނޫނީ މައްސަލަތައް ނުކުންނަކަން ދައްކަން ރިފްއަތު ފާހަގަކުރެއްވީ ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އަދި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) އެވެ.
އޭނާ ވިދާޅުވީ ތިމާއަކީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ ކޮންމެ މީހަކަށް ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ހައްގަކަށް ވިޔަސް، ތަހުގީގަކަށް ފޯނު އަތުލައިފި ނަމަ، އެ ހައްގު ގެއްލޭނެ ކަމަށެވެ. ސަބަބަކީ އެ މީހެއްގެ އަތުން ހޯދާ ވަސީލަތަކުން ނުވަތަ ފޯނުން އެ ހުރިހާ މައުލޫމާތެއް އެނގޭނެތީ އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ތިމާއާ ދެކޮޅަށް ޝަރީއަތުގައި ވެސް ބަޔާން ނުދިނުމުގެ ހައްގު ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) އިން ލިބިދޭއިރު ތަހުގީގުގެ މަރުހަލާގައި އެ ހައްގުގެ ބޭނުންކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.
"އެހެންވީމާ ތޮބީއީ ގާނޫނުގެ ހަމަތަކުގެ މަތިން ކަންކަން ކުރުމުގެ އުސޫލާ އެބަ ހިލާފުވޭ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މޮބައިލް ފޯނުގައި ހުންނަ އެހެން މައުލޫމާތުތައް، ތަހުގީގު ކުރަމުންދާ މައްސަލަ ފިޔަވައި އެހެން ކަމެއްގެ ހެއްކަކަށް ބޭނުން ނުކުރާނެ ކަމަށެވެ. އަދި އެ ފޯނުތަކުގައި ހުންނަ މީސްމީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކަމާ އެކު ބަލަހައްޓާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"މިގޮތަށް ގެންނަ ފޯނުތައް ހުންނާނީ ސީދާ އެ މައްސަލައެއް ތަހުގީގުކުރާ އައިއޯގެ ބެލުމުގެ ދަށުގައި. ފޯނުތަކުގައި ހުންނަ ޒާތީ މައުލޫމާތުތަކަކީ ވަރަށް ބޮޑަށް ރައްކާތެރި ކުރެވިފައި އަދި ފުލުހުންގެ ތެރެއިން ބޭރުވާނެ މައުލޫމާތެއް ނޫން. އެފަދަ ކަމެއް ހިނގައިފިއްޔާ ފުލުހުން ފިޔަވަޅު އަޅާނެ. މިހާތަނަށް އެފަދަ ކަމެއް ވެސް އިރާދަކުރެއްވިއްޔާ ދިމަލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ފޯނަކީ މި ޒަމާނުގައި ކޮންމެ މީހެއްގެ ވެސް "ޑައިރީއެއް" ފަދަ އެއްޗެކެވެ. އޭގައި ހުންނާނީ ވަރަށް ޒާތީ މައުލޫމާތުތަކެވެ. އަންހެނުން ނުވަތަ ފިރިމީހާ ނުވަތަ ލޯބިވެރިންނާ ދައްކާ ވާހަކަތަކާއި ފޮޓޯތަކެވެ. އާއިލީ ޒާތީ މައުލޫމާތެވެ. ކޯޓު އަމުރެއްގެ ދަށުން ކަމަށް ވިޔަސް، ފުލުހުންގެ އަތަށް ފޯނު އަރާ ހިސާބުން އެ ހުރިހާ މައުލޫމާތެއް އެ ހުޅުވުނީ އެވެ. ތަހުގީގަށް ސިމް ކާޑާއި ފޯނުގެ ޕާސްވޯޑް ވެސް ދޭން ޖެހެ އެވެ.
"ދައުލަތުގެ އިދާރާއަކަށް އެ ދެވެނީ ވަރަށް ޒާތީ މައުލޫމާތުތަކެއް. ވަރަށް ހައްސާސް މައުލޫމާތުތަކެއް. އެއީ މީގެ ބިރަކީ،" ރިފްއަތު ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކަށް މިހާރު އޮތީ އެ ބިރު އުފެދިފަ އެވެ.