11 މެއި 2019 - 13:08

ދުބާއީ (މެއި 11) - އިންޑިއާގެ ކްރިސްޓިއަން ވިޔަފާރިވެރިއަކު ޔޫއޭއީގައި މިސްކިތެއް އިމާރާތްކޮށް ދިނީ މުސްލިމް މަސައްކަތު މީހުންނަށް ރޯދަ ވީއްލުން ދޭން ފަށައިފި އެވެ.

އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ ސާޖީ ޝެރިޔަން، 49، މިދިޔަ އަހަރު މިސްކިތެއް އިމާރާތްކޮށްދިނީ މަސައްކަތު މީހުން ރޯދަ މަހު ޓެކްސީތަކުގައި ދުރު ހިސާބުތަކުގެ މިސްކިތްތަކަށް ދާ މަންޒަރު ފެނިގެންނެވެ. ޔޫއޭއީގައި 2003 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުންދާ ސާޖީ ވަނީ 250 މީހުންގެ ޖާގައިގެ މިސްކިތަށް 1.3 މިލިއަން ދިރުހަމް ޚަރަދުކޮށްފަ އެވެ. މިސްކިތުގެ ބޭރުގައި އިތުރު 700 މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މިސްކިތުގައި އޭނާ ވަނީ 800 މީހުންގެ ޖާގައިގެ އެއާ ކޮންޑިޝަން ކޮންވެންޝަން ހޯލެއް ވެސް ހަދައިދީފަ އެވެ. ކޮންމެ ދުވަހަކު ވެސް އެ ތަނުގައި 700 ވަރަކަށް މީހުންނަށް ރޯދަ ވީއްލުން އޮވެ އެވެ.

ސާޖީ ބުނީ މިދިޔަ އަހަރު މިސްކިތް ހުޅުވި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލުން ދޭ ކަމަށެވެ. އަދި މި އަހަރު ވެސް އެ މިސްކިތުގައި ކޮންމެ ދުވަހަކު ރޯދަވީ ބާއްވާ ކަމަށެވެ.
ސާޖީ އިމާރާތްކޮށްދިން މިސްކިތަށް ރޯދަ ވީއްލަން ދާ 63 އަހަރުގެ ޕާކިސްތާނުގެ ބަސް ޑްރައިވަރަކު ބުނީ އެއީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ބޭނުން ވަނީ ސާޖީ ކަހަލަ މީހުން ކަމަށް އޭނާ ބުންޏެވެ.
ސާޖީ ބުނީ މުސްލިމުންނެކޭ އެއް ގޮތަށް އޭނާ ވެސް މިހާރު ރޯދަ ހިފާތާ 13 އަހަރު ވެއްޖެ ކަމަށެވެ. އޭނާ ޔޫއޭއީ އަށް ދިޔަ އިރު އެއްވެސް ވަޒީފާއެއް ނެތެވެ. ފަހުން ކޮންސްޓްރަކްޝަން މަސައްކަތު މީހަކަށް އުޅުމަށް ފަހު ކޮންޓްރެކްޓަށް މަސައްކަތް ނަގައިގެން ކުރަން ފެށި އެވެ. މިހާރު އޭނާ އަކީ ރިއަލް އެސްޓޭޓް ޑިވެލޮޕަރެކެވެ.