11 މެއި 2019 - 11:47

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ފުލުހުން ހިންގި 72 ގަޑިއިރުގެ އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކުރި އިރު ހަތަރު މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ގައްދޫ ކޯޓުން އަމުރުކޮށްފައި ވެ އެވެ.
އޭގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަދަބު ލުއިކޮށްދިން މީހަކު ވެސް ހިމެނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖެ އަށް ޓްރެފިކްކޮށްފައި ވަނިކޮށް އަތުލައިގަތް ޑްރަގްސްގެ މަގުމަތީ އަގު ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގައި އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.