13 މެއި 2019 - 08:36

ސަރޮގޭޓްކޮށްގެން ދަރިން ހޯދާ މީހުންގެ އަދަދު ބޮލީވުޑްގައި އަންނަނީ އިތުރުވަމުންނެެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ހާން ވެސް އެގޮތަށް ދަރިއަކު ހޯދަން ވަނީ ނިންމައިފަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިހާތަނަށް އަދި ކައިވެންޏެއްކޮށްފައި ނުވާ އަދި މި އަހަރު 54 އަހަރު ފުރޭ އެކްޓަރު ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދުމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށެވެ. އަދި އެކަމަށް އާއިލާ އާއި ގާތް ރައްޓެހިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީއެއް ލިބެމުން އަންނަ ކަމަށް ބުންޏެވެ.
ސަލްމާން ކައިވެނި ނުކުރި ނަމަވެސް އެކި ބަތަލާއިންނާ އެކި ދުވަސްވަރު ވަރަށް ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި ސަންގީތާ ބިޖިލާނީ، ސޯމީ އަލީ، އައިޝްވާރިޔާ ރާއީ އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ކައިވެނި ކުރަން ބޭނުން ނުވަނީ މައިންބަފައިން ދެކެ އިންތިހާ އަށް ލޯބިވާތީ، ކައިވެނިކޮށްފި ނަމަ އެ މީހުންނަށް ދެވޭ ލޯތްބާއި ވަގުތަށް އުނިކަމެއް އަތުވެދާނެތީ އެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ސަރޮގޭޓް ދަރިން ތިބި މީހުންގެ ތެރޭގައި ޝާހްރުކް ހާން، އާމިރު ހާން، ތުޝާރު ކަޕޫރް އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނެ އެވެ.