13 މެއި 2019 - 08:36

މަޝްހޫރު ޒުވާން ދެ ލަވަކިޔުންތެރިން ކަމަށްވާ ޖަސްޓިން ބީބާ އާއި އެޑް ޝީރަން "އައި ޑޯންޓް ކެއާ" ގެ ނަމުގައި ދެ ފަންނާނުންގެ އަޑުން ލަވައެއް ކިޔައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހުކުރު ދުވަހު އާންމު ކުރި ލަވައަކީ ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ހަދާފައިވާ ލަވައެކެވެ. "އައި ޑޯންޓް ކެއާ" އަކީ ބީބާ އާއި ޝީރަން ގުޅިގެން ގެނެސް ދިން ތިން ވަނަ ލަވަ އެވެ.
ލަވަ އާންމުކުރުމާ އެކު ދެ ފަންނާނުންގެ ފޭނުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އައި ނަމަވެސް، ލަވައަށް މިހާރު ވަނީ ކޮޕީ ކުރުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
"އައި ޑޯންޓް ކެއާ" އަކީ ކޮޕީއެއް ކަމަށް ބުނެފައި ވަނީ އިނގިރޭސި އަންހެން ލަވަކިޔުންތެރިޔާ ޝެރީލްގެ ފޭނުންނެވެ. ބައެއް ފޭނުން ބުނެފައިވާ ގޮތުގައި ބީބާ އާއި ޝީރަންގެ "އައި ޑޯންޓް ކެއާ" ހަމަ އެ ނަމުގައި 2014 ގައި ޝެރީލް ގެނެސް ދިން ލަވައިގެ މެލޮޑީއާ ވަރަށް ވެސް ވައްތަރެވެ. ހާއްސަކޮށް އޭގެ ކޯރަސް އެވެ.
އަދި ބައެއް ފޭނުން ވަނީ މި މައްސަލާގައި ބީބާ އާއި ޖަސްޓިން އަށް ޝެރީލް ދައުވާ ވެސް ކުރަން ޖެހޭނެ ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން އެ ދެ ފަންނާނުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.