12 މެއި 2019 - 08:33

އެތައް ބައެއްގެ ޒާތީ ހައްގުތަކަށް އަރައި ގަނެ، މީސްމީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ބުނެ، ފޭސްބުކްގެ ބާނީ މާކް ޒުކަބާގްގެ އިސްތިއުފާ އަށް ގޮވާލައި ޕެޓިޝަނެއް އާންމުކޮށްފި އެވެ.
"ފަޔަ މާކް ޒުކަބާގް"ގެ ނަމުގައި ޕެޓިޝަން އާންމުކުރީ "ފައިޓް ފޮ ދަ ފިއުޗާ" ކިޔާ އެޑްވޮކަސީ ގްރޫޕަކުންނެވެ. އެ ގްރޫޕުން ބުނި ގޮތުގައި ޒުކަބާގްގެ މޭސްތިރިކަމުގެ ދަށުން ފޭސްބުކުން ވަނީ މިހާތަނަށް އެތައް ބިލިއަން ބައެއްގެ ޒާތީ ހައްގުތުކަކަށް އަރައިގެންފަ އެވެ. އަދި އެއީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި މީގައި އޮތް އެންމެ މޮޅު ގޮތަކީ ޒުކަބާގް ފޭސްބުކްގެ ސީއީއޯގެ މަގާމުން މިހާރުން މިހާރަށް އިސްތިއުފާ ދިނުން ކަމަށް ބުންޏެވެ.
އޭގައި ބުނީ ހައްގުތަކަށް ތަކުރާރުކޮށް އަރައިގެންފައި މާފަށް އެދުނު ނަމަވެސް، ފޭސްބުކާއި ޒުކަބާގްގެ ފަރާތުން އިހުލާސްތެރި ކަމެއް ނުފެންނަ ކަމަށާއި އެހެންވެ މާފު ބަލައި ނުގަނެވޭނެ ކަމަށެވެ.
އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ފޭސްބުކްގެ މައްޗަށް ކުރެވި، މި ފަހުން ޒުކަބާގް ވަނީ ހޫނު ފެނަށް ވެއްޓިފައިވެ އެވެ. އަދި ބައެއް ގައުމުތަކުން މި މައްސަލާގައި ފޭސްބުކާ ދެކޮޅަށް އެކި ކަހަލަ ހަރަކާތްތައް ހިންގައި، ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ފިޔަވަޅުތައް އެޅި އެވެ.
ފޭސްބުކް ބުނާ ގޮތުގައި އެ ޕްލެޓްފޯމް ބޭނުން ކުރާ މީހުންގެ މައުލޫމާތުތައް ހިމާޔަތް ކުރުމަށް މިހާރު އަންނަނީ ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޒުކަބާގްގެ އިސްތިއުފާ އަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި އިރު، ފޭސްބުކްގެ ބޯޑުގައި އޭނާގެ ބާރުވެރި ރޯލެއް އޮންނަހާ ހިނދަކު ދެމެހެއްޓެނިވި ހަރުދަނާ ކަމެއް ކުންފުންޏަށް ނާންނާނެ ކަމަށް ބުނެ، ހިއްސާދާރުންގެ ތެރެއިން ބަޔަކު ވެސް 2017 ގައި ޒުކަބާގްގެ އިސްތިއުފާ އަށް އިލްތިމާސްކޮށްފައިވެ އެވެ.
ދެހާސް ހަތަރެއްގައި ވުޖޫދަށް އައި ފޭސްބުކުން ލިބުނު މާލީ މަންފާތަކާ އެޖު ޒުކާބާގް ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގަ އެވެ. އޭނާގެ މިލްކިއްޔާތު 66.6 ބިލިއަން ޑޮލަރަށް އަރަ އެވެ.