12 މެއި 2019 - 08:35

ސަލްމާން ހާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ދާދި ފަހުން ރައިޓްސް ހޯދި ކޮރެއާގެ ފިލްމު "ވެޓެރަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ޝޫޓިން ސަލްމާނާ އެކު އަންނަ އަހަރު ފަށާނެ ކަމަށް އަތުލް ބުނެފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަތުލް ބުނީ އެ ފިލްމުގެ ރައިޓްސް ހޯދީ ފިލްމު ކަމުދާތީ ކަމަށެވެ. ސަލްމާނަށް ދެއްކުމުން އޭނާ އަށް ވެސް ފިލްމު ވަރަށް ކަމުދިޔުމުން އެ ފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.
"އެއީ ވަރަށް ފުރިހަމަ ފިލްމެއް. އަހަރެން އެ ފިލްމު ސިފަކުރާނީ ކްލާސް ފިލްމެއްގެ ގޮތުގައި. ހަގީގަތުގައި އެ ފެންވަރުގެ ފިލްމެއްގެ އެޑަޕްޓޭޝަނެއް ހެދުމަކީ ވެސް ވަރަށް ބޮޑު ޒިންމާއެއް. އެހެންވީމާ ވެޓެރަން އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ސްކްރީންޕްލޭ ވަރަށް ވަރުގަދަ އެއްޗަކަށް ހަދަން މަސައްކަތް ކުރާނަން،" އަތުލް ބުންޏެވެ. "މި ބަލަނީ އަންނަ އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށޭތޯ."
ފިލްމު ޑައިރެކްޓް ކުރާނީ ކާކު ކަމެއް އޭނާ ހާމަ ނުކުރި ނަމަވެސް ބެލުންތެރިންގެ އުންމީދު ކުރާ ވަރުގެ ފިލްމަކަށް "ވެޓެރަން" ގެ ހިންދީ ފިލްމު ހަދާނެ ކަމަށް އަތުލް ބުންޏެވެ.
ދެކުނު ކޮރެއާގެ ސިނަމާގައި ހަތަރު ވަނަ އަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް ވެސް އޮތް "ވެޓެރަން" އަކީ ރިއޫ ސިއެން-ވެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ކިޔައިދެނީ ކުށުގެ ވެށި ހަމައަކަށް އަޅުވަން މަސައްކަތްކުރާ ކުޅަދާނަ ޑިޓެކްޓިވެއްގެ ވާހަކަ އެވެ.
"ވެޓެރަން" އަކީ އަތުލް ރައިޓްސް ހޯދި ކޮރެއާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "ބާރަތު" ގެ ވާހަކަ ބިނާކުރި 2014 ގެ ފިލްމު "އޯޑް ޓް މައި ފާދާ" އެވެ. އެ ފިލްމު ޑައިރެކްޓް ކުރީ އަލީ އައްބާސް ޒަފަރެވެ.
ސަލްމާން މި ވަގުތު "ދަބަންގް 3" ގެ މަސައްކަތް ކުރަމުން އަންނަ އިރު، ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އެވެ.