10 މެއި 2019 - 19:59

ހުޅުމާލޭގައި ދެ ސައިކަލް ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު އޭގެ ތެރެއިން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އެކްސިޑެންޓް ހިނގީ ނިރޮޅުމަގު، ވެލިގާ ހާޑްވެއާ ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ޕިއްޒާ ބޯނާގެ ޑެލިވެލީ ސައިކަލަކާއި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ، ކުޑަ ދެ ކުދިން ތިބި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. ޕިއްޒާ ބޯނާ ސައިކަލް ދުއްވަން އިނީ ބިދޭސީ އެކެވެ. އޭނާ އަތުގައި ލައިސެންސް އޮތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ދިވެއްސެއް ކަމަށާއި ފަހަތުގައި އިނީ 14 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.
އޭގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ ކަނާތު ކަށި އިނގިލީގެ ހުޅުމަތިންނާއި ވާތު އުޅަނބޮށި ކައިިން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ސައިކަލް ދުއްވަން އިން ކުއްޖާގެ ވާތު އުޅަނބޮއްޓާއި ކަނާތު ކުޑަ ހުޅުގެ އިތުރުން މޫނުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި އޭނާ ހަތަރު ގަޑިއިރަށް އެޑްމިޓް ވެސް ކޮށްފައިވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި ފަހަތުން ދިޔަ ސައިކަލް ޖެހި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުން ލަނބާލަން ވެގެން ބިދޭސީ މީހާ ސިގްނަލް ދިންލެއް ލަސްވުމުންނެވެ. އެކަމަކު ބިދޭސީ މީހާ ބުނަނީ އޭނާ ކުރިން ސިގްނަލް ދީފައިވާ ކަމަށެވެ.
ބިދޭސީ މީހާގެ ވާތު އުޅަނބޮއްޓާއި ވާތު ފައިގެ ކަކުލާއި ކުޑަ ހުޅުކައިރިން މަށައިގެން ދިއުން ފިޔަވާ އިތުރު އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ބިދޭސީ މީހާ ދުއްވި ވޭވް ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ނުވި ނަމަވެސް ކުޑަ ދެ ކުދިން ދުއްވި އެއާބްލޭޑް ސައިކަލަށް ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.