11 މެއި 2019 - 12:14

ތިމްޕޫ (މެއި 11) - ހޮނިހިރު ދުވަހެއް ނަމަ ބޫޓާންގެ ބޮޑު ވަޒީރު ޑރ. ލޮޓޭ ޝެރިންގެ މަސައްކަތަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމެވެ. އެންމެ ފަހު ހޮނިހިރުގައި ވެސް ވަނީ ޖިގްމޭ ދޯޖީ ވަންޗުކް ނޭޝަނަލް ރެފެރަލް ހޮސްޕިޓަލްގައި ޔޫރިނަރީ ބްލެޓާ ރިޕެއާ އޮޕަރޭޝަނެއް ޝެރިން ކުރައްވައިފަ އެވެ.

"މިއީ އަޅުގަނޑަށް ވަރަށް ސްޓްރެސް ލުއިކޮށްދޭ ކަމެއް،" އާބާދީގައި 750،000 މީހުން ހިމެނޭ ގައުމުގެ ބޮޑު ވަޒީރުގެ މަގާމަށް މިދިޔަ އަހަރު އިންތިޚާބު ކުރި ޝެރިން ވިދާޅުވި އެވެ. "އެކި މީހުން އެކި ކަންތައް ކުރާނީ. ބައެއް މީހުން ގޮލްފް ކުޅޭނެ. އަޅުގަނޑު ކުރާ ކަމަކީ އޮޕަރޭޝަން ކުރުން."

އުމުރުން 50 އަހަރުގެ ބޮޑު ވަޒީރު ވިދާޅުވީ ހަފުތާ ބަންދުތަކުގައި އޭނާ އުޅޭ ހިތްވަނީ ހޮސްޕިޓަލްތަކުގައި ކަމަށެވެ.

ތިއޭޓަރުގެ ހެދުން އަޅުއްވައިގެން ހޮސްޕިޓަލުގެ ކޮރިޑޯތަކުން ޝެރިން ވަޑައިގަންނަވާ އިރު އެހެން ޑޮކްޓަރުންނާއި ނަރުހުންނަށް އެއީ ބޮޑު ވަޒީރު ކަމެއް ނޭނގެ އެވެ.
ބޫޓާންގެ ރަައްޔިތުންނަކީ އުފަލުގައި އުޅޭ ބައެކެވެ. ތިމާވެއްޓަށް ސަލާމުކަން ދޭ ގައުމެކެވެ. ކާބަން ނެގެޓިވް ގައުމުގެ 60 ޕަސެންޓަކީ ޖަންގަލީގެ ގޮތުގައި ބޭއްވުން ގާނޫނުން ލާޒިމެވެ. އެއީ އިކޯޓޫރިޒަމްގައި ވެސް މަޝްހޫރު ގައުމެކެވެ. ވެރިރަށް ތިމްޕޫގައި ޓްރެފިކް ލައިޓެއް ނުހުރެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެކެވެ. އެ ގައުމަށް ޓީވީ ތައާރަފްވީ ވެސް 1999 ވަނަ އަހަރު އެވެ. ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ.
ބަންގްލަދޭޝް އާއި ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާ އިން މެޑިކަލް ތަމްރީން ހައްދަވާފައިވާ ޝެރިންގެ ސިޔާސީ ހަޔާތް ފެއްޓެވީ 2013 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރު ބޭއްވި އިންތިޚާބުން އޭނާގެ ޕާޓީ އަށް ނާކާމިޔާބުވި އެވެ. ނަމަވެސް އުއްމީދު ދޫކޮށް ނުލައްވައި ބޫޓާންގެ ދުރު ހިސާބުތަކަށް ޑޮކްޓަރުންގެ ޓީމުތަކާ އެކު ދަތުރު ކުރައްވައި ހިލޭ ފަރުވާ ދެއްވައި ރައްޔިތުންގެ ލޯބި ހޯއްދެވި އެވެ. ނަތީޖާއަކީ މިދިޔަ އަހަރު ބޭއްވި ބޫޓާންގެ ތިންވަނަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ.
މިހާރު ކޮންމެ ހޮނިހިރަކު ބޮޑު ވަޒީރުގެ މަސައްކަތަކީ ބަލި މީހުން ބެއްލެވުމެވެ. ބުރާސްފަތި ދުވަހު ކުރައްވާ ކަމަކީ ޑޮކްޓަރުންނާއި ޓްރެއިނީންނަށް މެޑިކަލް ލަފާ ދެއްވުމެވެ. އާދިއްތަ އަކީ ބޮޑު ވަޒީރުގެ އާއިލީ ދުވަހެވެ.
ބޮޑު ވަޒީރު ވިދާޅުވެފައި ވަނީ ބޫޓާނުން މިހާރު ކުރަން ޖެހޭ ކަމަކީ ސެކަންޑަރީ އަދި ޓާޝަރީ ހެލްތުކެއާ އަށް ސަމާލުކަން ދިނުން ކަމަށެވެ.
"ހޮސްޕިޓަލުގައި އަޅުގަނޑުގެ މަސައްކަތަކީ ބަލި މީހުން ސްކޭންކޮށް ފަރުވާ ދިނުން. ސަރުކާރުގައި އަޅުގަނޑު ކުރާ ކަމަކީ ސިއްހީ ސިޔާސަތުތައް ސްކޭންކޮށް އެކަންކަން ރަނގަޅު ކުރުން،" ޝެރިން ވިދާޅުވި އެވެ.
ފަސް ގަޑިއިރުގެ ބްލެޑާ ރިޕެއާ އޮޕަރޭޝަނެއް ބޮޑު ވަޒީރު ކުރެއްވި އުމުރުން 40 އަހަރުގެ މީހާ ބުނީ އޭނާ މިހާރު ހިތްހަމަޖެހިއްޖެ ކަމަށެވެ. ސަބަބަކީ ބޮޑު ވަޒީރު ޝެރިންއަކީ ބޫޓާންގައި ހުރި އެންމެ ރަނގަޅު ޑޮކްޓަރަށް ވާތީ ކަމަށެވެ.