"ޖޯނަސް ބްރަދާޒް" ގެ ޑޮކިއުމަންޓަރީއެއް
"ޖޯނަސް ބްރަދާޒް" ގެ ޑޮކިއުމަންޓަރީއެއް

ތިން މެމްބަރުން ހިމެނޭ އެމެރިކާގެ މަޝްހޫރު ބޭންޑް "ޖޯނަސް ބްރަދާޒް" ގެ ޑޮކިއުމަންޓަރީއެއް ގެނެސް ދޭން އެމެޒޯން ޕްރައިމް ވީޑިއޯ އިން ތައްޔާރުވެއްޖެ އެވެ.

"ޗޭޒިން ދަ ހެޕިނެސް" ގެ ނަން ދީފައިވާ މި ޑޮކިއުމަންޓްރީ އަންނަ މަހުގެ 4 ގައި ސްޓްރީމް ކުރަން ނިންމާފައިވާ އިރު، މީގެ ޓްރެއިލާ ވެސް ޖޯނަސް ބްރަދާޒުން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން ބޭންޑްގެ ތިން މެމްބަރުން އެކީގައި މިއުޒިކީ މަސައްކަތްތައް ފަށާފައިވާ އިރު، ތިންބެއިންނާ ބެހޭ ޑޮކިއުމަންޓަރީއެއް މި ގެނެސް ދެނީ ދާދި ފަހުން އާ ދެ ލަވައެއް ވެސް ފޭނުންނަށް ދޫކޮށްލާފައި ވަނިކޮށެވެ.

"ޖޯނަަސް ބްރަދާޒް" ގެ މެމްބަރުންނަކީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އާއި އޭނާގެ ދެ ބޭބެއިން ކަމަށްވާ ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާގެ ފިރީމީހާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސް އެވެ.

"ޗޭޒިން ދަ ހެޕިނެސް" ގައި އެ މީހުންގެ މިއުޒިކްގެ ކެރިއަރުގެ ވާހަކަތަކާއި އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ހަޔާތުގެ ބައިވެރިންގެ ވާހަކަތައް ވެސް ގެނެސް ދޭނެ އެވެ.

އަންނަ މަހުގެ 4 ގައި ޑޮކިއުމަންޓްރީ ގެނެސްދޭ އިރު އެ މަހުގެ 7 ގައި ވަނީ އާ "ޖޯނަސް ބްރަދާޒް" ގެ އާ އަލްބަމެއް "ހެޕިނެސް ބިގިންސް" ގެ ނަމުގައި ރިލީޒް ކުރަން ނިންމައިފަ އެވެ. މިއީ 2009 ގެ ފަހުން އެ މީހުން އަލްބަމެއް ނެރޭ ފުރަތަމަ ފަހަރެވެ. އަދި އެއީ ބޭންޑުން ނެރޭ ފަސް ވަނަ އަލްބަމް ވެސް މެ އެވެ.

"ހެޕިނެސް ބިގިންސް" ޕްރޮމޯޓް ކުރަމުގެ ގޮތުން "ޖޯނަސް ބްރަދާޒް" އިން ވަނީ 40 ސިޓީއަކަށް ޓުއާއެއް ވެސް ބާއްވަން ނިންމައިފަ އެވެ. އެ ޓުއާ ފަށާނީ އަންނަ އޮގަސްޓް މަހުގެ 7 ގަ އެވެ. އޮކްޓޯބަރުގައި ނިންމައިލާ ޓުއާގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.