ނޯތު ކޮރެއާގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފަހައްޓައިފި
ނޯތު ކޮރެއާގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފަހައްޓައިފި

ވޮޝިންޓަން (މެއި 10) - ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ނޯތު ކޮރެއާގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފަހައްޓައިފި އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ހިފެހެއްޓި ނޯތު ކޮރެއާގެ ކާގޯ ބޯޓު ބޭނުންކޮށްފައި ވަނީ ބޯޓު ދެލި ޓްރާންސްޕޯޓް ކުރަން ކަމަށެވެ. ބޯޓު ދެއްޔަކީ ނޯތު ކޮރެއާގެ އެކްސްޕޯޓުގެ މައިގަނޑު ބާވަތެވެ.

ބޯޓު ދެލި އެކްސްޕޯޓް ކުރުމުގެ އިތުރުން "ވައިޒް ހޮނެސްޓް" ކިޔާ ބޯޓުން ނޯތު ކޮރެއާ އަށް ހެވީ މެޝިނަރީޒް އިމްޕޯޓް ކުރާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

ނޯތު ކޮރެއާގެ ބޯޓު އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު އިންޑޮނީޝިއާ އިންނެވެ. އެ ގައުމުން އެ ބޯޓު ހަވާލު ކުރުމުން މިހާރު ވަނީ އެމެރިކާ އަށް ގެންދިއުމުގެ މަގުމަތީގަ އެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެގެން ނޯތު ކޮރެއާގެ ބޯޓެއް އެމެރިކާ އިން ހިފެހެއްޓި ފުރަތަމަ ފަހަރެވެ.

ނޯތު ކޮރެއާގެ ބޯޓެއް އެމެރިކާ އިން ހިފަހައްޓާފައި ވަނީ ޕިއޮންޔަން އިން މިސައިލް ޓެސްޓެއް ކޮށްފައި ވަނިކޮށެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ބޯޓު ހިފެހެއްޓި ޚަބަރު އާއްމު ކުރުމާއި ނޯތު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅުމެއް ނެތް ކަމަށެވެ.