04 ސެޕްޓެމްބަރ 2016 - 06:29

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑެންޒަލް ވޮޝިންޓަންގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ކުރިއަށް އޮތް ޑިސެމްބަރު މަސް ހާއްސަ އެވެ. އޭނާ ޑައިރެކްޓް ކުރާ ފިލްމެއް ޑިސެމްބަރު މަހު ރިލީޒްކުރާނެ އެވެ.

ޑިސެމްބަރު 25 ގައި، ވޮޝިންޓަން ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވާ ފިލްމް "ފެންސެސް" ސިނަމާތަކަށް އަންނާނެ އެވެ. އެކަމަކު އޭގެ ކުރިން، އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ "ދަ މެގްނިފިޝަންޓް ސެވެން" މި މަހުގެ 23 ގައި ސިނަމާތަކަށް އަންނާނެ އެވެ.
"ފެންސެސް" އަކީ މަޝްހޫރު ލިޔުންތެރިޔާ އޮގަސްޓް ވިލްސަން، ލިޔެ 1983 ވަނަ އަހަރު "ފެންސެސް" ގެ ނަމުގައި ގެނެސް ދިން ޕްލޭގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ފިލްމުގައި ވޮޝިންޓަން އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ވަޔޮލާ ޑޭވިސް އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސްޓެފަން ހެންޑަސަން، ރަސަލް ހޯންސްބީ، ޖޯވެން އަޑެޕޯ އަދި ސަނިއްޔާ ސިޑްނީ ހިމެނެ އެވެ.
"ފެންސެސް" ގައި ކިޔައި ދޭނީ 1957 ގައި ޕީޓާސްބާގްގެ ބޭސްޕޯލް ޕްލެޔަރެއްގެ ގޮތުގައި މަގުބޫލްކަން ހޯދި މީހެއްގެ ވާހަކަ އެވެ.
މަގުބޫލް ކުޅިވަރެއްގެ ޝަހުސިއްޔަތެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މީހަކު ފަހުން، ކުނި އުކާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުނު ގޮތް ފިލްމުން ވަރަށް ފުރިހަމަ އަށް ދައްކުވައި ދޭނެ އެވެ.
ބައެއް ފަރާތްތަކުން މިހާރު ވެސް ލަފާ ކުރާ ގޮތުގައި "ފެންސެސް" އިން ވޮޝިންޓަން، 61، އިތުރު އޮސްކާއަކަށް ވާދަ ކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.
މީގެ ކުރިން އޭނާ ދެ ފަހަރެއްގެ މަތިން އޮސްކާ ހޯދާފައިވެ ވެ އެވެ. އެއީ ޓްރޭނިން ޑޭ (2001) އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި ގްލޯރީ (1989) އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އެވެ.
ވޮޝިންޓަންއަކީ ތިން ގޯލްޑެން ގްލޯބް އެވޯޑް ވެސް ހާސިލްކޮށްފައިވާ އެކްޓަރެކެވެ.