11 މެއި 2019 - 09:26

މި އަހަރު ރިލީޒްކުރާ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ ކާސްޓާ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ގުޅިއްޖެ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ރިލީޒް ކުރާ ފިލްމުގެ ފަހު ޝޫޓިން ޝެޑިއުލް މި މަހުގެ ފަހުކޮޅަށް ވަނީ ތާވަލުކޮށްފަ އެވެ. "ހައުސްފުލް 4" އަކީ ސާޖިދު ހާން ޑައިރެކްޓް ކުރަމުން ދަނިކޮށް، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ތުހުމަތުކާ ގުޅިގެން މިހާރު އެ ފިލްމުގެ ސްކްރީންރައިޓަރު ފަރުހާދު ސަމްޖީއާ ޑައިރެކްޝަން ހަވާލުކޮށްފައިވާ ފިލްމެކެވެ.
ދެހާސް ސޯޅައިގައި ރިލީޒްކުރި "ހައުސްފުލް 3" ވެސް ޑައިރެކްޓްކުރީ ފަރުހާދާއި އޭނާގެ ސްކްރީން ރައިޓިން ޕާޓްނަރު ސާޖިދު ސަމްޖީ އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސް ކުރާ "ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރު، ކްރިތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް، ޕޫޖާ ހެގްޅޭ، ރާނާ ދަގޫބަތީ އަދި ބޮމަން އިރާނީ ހިމެނެ އެވެ.
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ބާރަތު" ގެ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.
މި ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ތިން ވަނަ ލަވައަކީ "އައިތޭ އާ" އެވެ. ކައިވެނީގެ ހަފުލާއެއްގެ ތެރެ ދައްކުވައި ދޭ ލަވައިން ސަލްމާން ހާނާއި ކެޓްރީނާ ކެއިފް ފެނިގެންދާ އިރު މި ލަވަ ކިޔާފައި ވަނީ ނިތީ މޯހަން، ކަމާލް ހާން، އަކާސާ ސިންގްގެ އިތުރުން ލަވައިގެ މިއުޒިކް ވެސް ހެދި ވިޝާލް-ޝޭކަރު އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ "ބާރަތު" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 5 ގަ އެވެ.
މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ޑިޝާ ޕަޓްނީ، ތައްބޫ، ޖެޚީ ޝްރޮފް، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައި "ޝުބް މަންގަލް ޒިއާދާ ސާވްދާން" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ގްރެފިކް މަންޒަރުތަކާ އެކު ދައްކައިލި ޓީޒާއާ އެކު ފިލްމު ރިލީޒް ކުރާ ތާރީހަށް އިއުލާންކޮށްފައި ވަނީ އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހުގަ އެވެ. އެއީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ތާރީހަށް ފިލްމު ތާވަލު ކުރުމާ ގުޅިގެން "ޝުބް މަންގަލް ޒިއާދާ ސާވްދާން" ބޮކްސް އޮފީހުގައި ވާދަ ކުރަން ޖެހޭނީ އިމްތިއާޒް އަލީ ޑައިރެކްޓްކޮށް، ސާރާ އަލީ ހާނާއި ކާތިކް އާރިޔަންގެ "އާޖް ކަލް" އެވެ.
ޖިންސީ ބަލިކަށިކަމެއް ހުންނަ ފިރިހެނެއްގެ ވާހަކަ ކިޔައި ދިން "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައިގައި ވެސް ކިޔައި ދެނީ ފިރިނެއްގެ ވާހަކަ އެވެ.
އާނަންދު އެލް ރާއީ ޕްރޮޑިއުސް ކުރާ ފިލްމު މި ފަހަރު ޑައިރެކްޓް ކުރަނީ ހިތޭޝް ކެވަލިއާ އެވެ.
ލަންޑަނުގެ މަޝްހޫރު މިއުޒިއަމް މެޑެމް ޓްސޯޑްސް އިން ބޮލީވުޑްގެ ތަރިންގެ ވެކްސް ސްޓެޗޫ ހަދަން ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ އިރު، އެކްޓަރު ޝާހިދު ކަޕޫރަށް ވެސް އެ ފުރުސަތު ލިބިއްޖެ އެވެ.
މެޑަމް ޓްސޯޓްސްގެ ޓީމަކުން މިހާރު ވަނީ އޭނާގެ މިންތައް ވެސް ނަގައިފަ އެވެ. ޝާހިދު ވަނީ އެކަން ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފިން އޭނާގެ ސްޓެޗޫ ރަސްމީކޮށް ދައްކައިލާނެ އެވެ.
ސިންގަޕޫރް ގޮފިން އެންމެ ފަހުން ދައްކައިލި ސްޓެޗޫއަކީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ސްޓެޗޫ އެވެ.