އޮސްޓްރޭލިއާގެ 50 ޑޮލަރުގެ އާ ނޫޓްގައި ލިޔުމުގެ ކުށެއް
އޮސްޓްރޭލިއާގެ 50 ޑޮލަރުގެ އާ ނޫޓްގައި ލިޔުމުގެ ކުށެއް

އޮސްޓްރޭލިއާގައި މީގެ ހައެއްކަ މަސް ކުރިން ބޭނުންކުރަން ފެށި އެ ގައުމުގެ 50 ޑޮލަރުގެ އާ ނޫޓްގައި ލިޔުމުގެ ކުށެއް އިންކަން ފާހަގަވެ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އާ ޕޮލިމާ ނޫޓްގައިވާ މިސްޓޭޓަކީ ރެސްޕޮންސިބިލިޓީގެ ސްޕެލިން ނުބައިކޮށް ލިޔެވިފައި އިނުމެވެ. ލިޔެފައިވަނީ responsibility ބަދަލުގައި responsibilty އެވެ. އެކަމަކު އެ ލަފުޒު ނޫޓްގައި ލިޔެފައި އިން ތަންކޮޅަކީ ބޮޑުވާ ބިއްލޫރިން ބަލައިގެން ނޫނީ ފާހަގަ ނުކުރޭ ދިމާއެއްގައި އިން މިސްޓޭކެކެވެ.

އެކަމަކު މިއީ ވަގު ނޫޓް ހެދުމަށް ފަގުފަހިވާނެ. އަދި ނޫޓްގެ ސެކިއުރިޓީ ފީޗާތަކާ ދޭތެރޭ ސުވާލު އުފެދޭނެ ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮސްޓްރޭލިއާ (އާރްބީއޭ) އިން ބުރާސްފަތި ދުވަހު ބުނީ 50 ޑޮލަރުގެ އާ ނޫޓްގައި އިން ޓައިޕިން މިސްޓޭކް ދެން ނޫޓްތައް ޗާޕްކުރާ ފަހަރެއްގައި އިސްލާހުކުރާނެ ކަމަށެވެ.

މި ވަގުތު 50 ޑޮލަރުގެ 46 މިލިއަން ނޫޓް އަންނަނީ ދައުރުވަމުންނެވެ.

މައިގަނޑު ކުލައަކަށް ރީނދޫ ކުލަ ހިމެނޭ 50 ޑޮލަރު އާ ނޫޓް ތައްޔާރުކޮށްފައި ވަނީ އޭގެ އެއް ފުށުގައި އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ އަންހެން މެމްބަރު އެޑިތު ކޯވަންގެ ތަސްވީރާ އެކީގަ އެވެ. ނޫޓްގައި އިން ޓައިޕިން މިސްޓޭކަކީ ނޫޓަށް ނަކަލުކޮށްފައި އިން އެ ކަމަނާގެ ތަގުރީރެއްގެ އިބާރާތުގެ ތެރޭގައި އިން މިސްޓޭކެއް ވެސް މެ އެވެ.

އޮކްޓޫބަރު، 18، 2018 ގައި ބޭނުން ކުރަން ފެށި 50 ޑޮލަރުގެ ނޫޓްގެ އަނެއް ފުށުގައި ވަނީ ލިޔުންތެރިޔާ ޑޭވިޑް ޔުނައިޕޯންގެ ތަސްވީރެވެ.