10 މެއި 2019 - 11:44

ކޮލަމްބޯ (މެއި 10) - ސްރީ ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު 600 އަށް ވުރެ ގިނަ ބިދޭސީން ލަންކާ އަށް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރޭގައި 200 އަށް ވުރެ ގިނަ ދީނީ މީހުން ހިމެނޭ ކަމަށް ހޯމް މިނިސްޓަރު ވަޖިރާ އަބޭވަރްދަނާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ދީނީ އިލްމުވެރިންގެ ނަމުގައި އެ މީހުން ލަންކާ އަށް އެތެރެވެފައި ވަނީ ގަވާއިދާޚިލާފަށް ކަމަށާއި ލަންކާގައި އުޅެފައި ވަނީ ވެސް ވިސާގެ މުއްދަތަށް ވުރެ އިތުރަށް ކަމަށެވެ. އެހެންވެ އެ އެންމެން ޖޫރިމަނާ ކުރުމަށް ފަހު ފޮނުވާލާފައިވާ ކަމަށް އަބޭވަރްދަނާ ވިދާޅުވި އެވެ.
"ގައުމުގެ މިހާރުގެ ހާލަތަށް ބަލާ ވިސާ ސިސްޓަމް ވަނީ ހަރުދަނާކޮށްފައި. އަދި ދީނީ ޓީޗަރުންނަށް ވިސާ ދޫކުރާ އުސޫލް ވަނީ ހަރުކަށިކޮށްފައި،" އަބޭވަރްދަނާ ވިދާޅުވި އެވެ.
ލަންކާ އިން ފޮނުވާލީ ކޮން ގައުމުތަކެއްގެ މީހުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ ވިސާގެ މުއްދަތަށް ވުރެ އިތުރަށް ލަންކާގައި އުޅުނު މީހުންގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން މީހުން ހިމެނޭ ކަމަށެވެ.
އަބޭވަރްދަނާ ވިދާޅުވީ އެޕްރީލް 21 ގައި ދިން ފަދަ ހަމަލާއެއް ތަކުރާރު ވިޔަ ނުދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ބޭރުން ގެންނަ ދީނީ މީހުންނަށް ވިސާ ދޫކުރާ އުސޫލުން މުޅިން ބަދަލުކުރާނެ ކަމަށެވެ.
ހަމަލާތަކަށް ފަހު ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ސަލާމަތީ ބާރުތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ގޭގެ އާއި މީހުން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ.
ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ހައްދުފަހަނައެޅި ހުރިހާ ޖަމާއަތްތަކެއް ނައްތާލާނެ ކަމަށެވެ.
ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަށް އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 44 ބިދޭސީއަކު ވެސް ހިމެނެ އެވެ.