11 މެއި 2019 - 09:23

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން އަދި ކުރީގެ ދެމަފިރިން ކަމަށްވާ ޖެނިފާ އެނިސްޓަން އާއި ބްރެޑް ޕިޓް މިހާރު ތިބީ އަނެއްކާވެސް އަލުން ގުޅިދާނެ ހާލަތެއްގަ އެވެ. ސަބަބަކީ ދެ ތަރިންގެ ވެސް ދެ ވަނަ ކައިވެނި ވެސް އޮތުމެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ކުރީކޮޅު އެނިސްޓަން އާއި ޖަސްޓިން ތެރޯޒްގެ ކައިވެނީ ގޮށް މޮހެވިގެން ދިއުމާއި އޭގެ އަހަރެއް ކުރިން ޕިޓާއި އެންޖެލީނާ ޖޮލީގެ ކައިވެނީގައި ވެސް ސިއްކަ ޖެހިފައިވާތީ ގިނަ ބަޔަކު ގަބޫލުކުރަނީ ޕިޓާއި އެނިސްޓަން އަލުން ގުޅިދާނެ ކަމަށެވެ. އެ ވާހަކަ މީޑިއާތަކުގައި އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ދެކެވޭތާ ވެސް މިހާރު ދުވަސްތަކެއްޖެ އެވެ.
އިހަކަށް ދުވަހު ލޮސް އެންޖެލިސް އިން ޕިޓް ފެނިގެން ޕަޕަރާޒީންތަކެއް އޭނާގެ ފަހަތުން އަޅުވާލައި ފޮޓޯ ނަގަމުން ގޮސް، އެނިސްޓަންއާ އަލުން ގުޅިދާނަންތޯ ސުވާލުކުރި އެވެ. ޕިޓް އެއަށް ދިން ޖަވާބީ "އޯ މައި ގޯޑް" އެވެ.
އެހެން ބުނެފައި އޭނާ ވަގުތުން ކާރަށް އަރައިގެން ސަލާމަތްވީ އެވެ.
ޕިޓްގެ ޖަވާބު ބައެއް މީޑިއާތަކުން މާނަކުރީ ފުރަތަމަ އަނބިމީހާ އަލުން ގުޅިފާނެ ދިން އިޝާރާތެއްގެ ގޮތުގަ އެވެ. އެހެންވެ ދެން އޮތީ ވާ ގޮތެއް ބަލަން ތިބުމެވެ.
އެންޖެލީނާއާ ވަކިވި ފަހުން ވެސް އެތައް އަންހެނަކާ، ޕިޓާ އަޅުވާ ކިޔާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ތިލަވި އެއް ނަމަކީ މަޝްހޫރު ބަތަލާ ޗާލީޒް ތެރެން އެވެ. އެކަމަކު އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަން ދާދި ފަހުން ޗާލީޒް ދިން އިންޓަވިއުކަން ކަށަވަރުވެފައިވެ އެވެ. އޭނާ ބުނީ މި ވަގުތު ލޯބިވެރިއެއް ނެތް ނަމަވެސް އެފަދަ ކަމަކަށް ތައްޔާރު ކަމަށެވެ.
ޕިޓާއި އެނިސްޓަން 2000 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2005 ގަ އެވެ.