އަކްޝޭ ކުމާރު ދަރިންނަށް "ގަރަމް މަސާލާ" ދައްކާކަށް ބޭނުމެއް ނޫން
އަކްޝޭ ކުމާރު ދަރިންނަށް "ގަރަމް މަސާލާ" ދައްކާކަށް ބޭނުމެއް ނޫން

ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން ދަރިންނަށް އެއްގޮތަަކަށް ވެސް ދައްކަން ބޭނުން ނުވާ ފިލްމަކީ ކޮމެޑީ ފިލްމު "ގަރަމް މަސާލާ" ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

ދާދި ފަހުން ބޭއްވި އެޗްޓީ ސްޓައިލިޝް އެވޯޑް ހަފުލާގައި ހޯސްޓުން އަކްޝޭއާ އެކު ކުރިއަށް ގެންދިޔަ ރެޕިޑް-ފަޔާ ސެގްމަންޓްގައި އޭނާ ބުނީ ފިރިހެން ދަރިފުޅު އާރަވް، 16، އާއި އަންހެން ދަރިފުޅު ނިތާރާ، 6، އަށް ދުވަހަކު ވެސް ދައްކަން ބޭނުން ނުވާ ފިލްމަކީ 2005 ގެ "ގަރަމް މަސާލާ" ކަމަށެވެ.

ސަބަބަކީ އެ ފިލްމުގައި އަކްޝޭ އެއް ފަހަރާ ހަތަރު ލޯބިވެރިން ގެންގުޅެން ޖެހުމުން، ބޮޑު ހާޖާނުގަނޑެއްގެ ތެރޭގައި އުޅޭ މީހެއްގެ ރޯލު ފެންނާތީ އެވެ.

ޕްރިޔާ ދަރްޝަން ޑައިރެކްޓް ކުރި އެ ފިލްމުގައި އަކްޝޭއާ އެކު ޖޯން އަބްރަހަމް ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އިރު "ގަރަމް މަސާލާ" ގެ ބަތަލާއިންނަކީ ރިމީ ސެން، ނީތޫ ޗަންދުރާ، ޑެއިޒީ ބޯޕަނާ އަދި ނަރުގިސް ބަގޭރީ އެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ނޭހާ ދޫޕިއާ ވެސް ފެނިގެން ދެ އެވެ.

އެ ފިލްމާ ބެހޭ ގޮތުން އަކްޝޭ ބުނީ އެއީ ދަރިންނަށް ދައްކަން ހެޔޮވާވަރުގެ ފިލްމެއް ނޫން ކަމަށެވެ.

"އެއީ ދަރިން ނަމޫނާއަކަށް ވެސް ނަގަންވާ ކަހަލަ ކަމެއް ނޫން. އެހެންވެ ބޭނުންވޭ ދަރިންނަށް އެކަހަލަ ގޮތެއް ހިޔާރު ނުކުރަން އަންގައި ދޭން ވެސް،" ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާ ކައިވެނިކޮށްގެން އުޅޭ އެކްޓަރު ބުންޏެވެ. "އެގޮތަށް ލޯބިވެރިން ގެންގުޅުމުގެ ޒަމާން ހިނގައްޖެ ކަމަށް އަހަރެން ގަބޫލު ކުރަނީ."

މިދިޔަ މަހު ރިލީޒް ކުރި "ކޭސަރީ" އަށް ފަހު އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޮގަސްޓް 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އިންނެވެ.

އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކަކީ "ހައުސްފުލް 4"، "ގުޑް ނިއުސް"، "ސޫރިޔާވަންޝީ" އަދި "ލާކްޝްމީ ބޮމްބް" އެވެ.