03 ސެޕްޓެމްބަރ 2016 - 13:25

ނިއު ދިއްލީ (ސެޕްޓެމްބަރު 3) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޕްރައިވެޓައިޒޭޝަން ސިޔާސަތާއި އެންމެ ކުޑަ މުސާރައިގެ ގޮތުގައި ހުށަހަޅާފައިވާ އަދަދާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން 150 މިލިއަނަށް ވުރެ ގިނަ މަސައްކަތްތެރިން މުޒާހަރާ އަށް ނުކުމެއްޖެ އެވެ.

މުޒާހަރާ އިންތިޒާމްކުރި ފަރާތުން ބުނީ އިއްޔެ އިން ފެށިގެން 24 ގަޑިއިރަށް ކުރިއަށް ގެންދާ މުޒާހަރާގައި ނަރުހުންނާއި ބޭންކިން، މެނުފެކްޗާރިން، ބޯޓުދެލި ނެގުން އަދި ދުވަހު މަސައްކަތުގައި އުޅޭ މީހުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.
ބޮޑު 10 ޔޫނިއަން އިން މުޒާހަރާ އަށް ގޮވާލީ އެންމެ ކުޑަ މުސާރައިގެ މައްސަލައިގައި މާލީ ވަޒީރު އަރުން ޖައިޓްލީއާ އެކު ބޭއްވި ބައްދަލުވުން ނާކާމިޔާބުވުމާ ގުޅިގެންނެވެ. ޖައިޓްލީ ވަނީ ޕްރޮފެޝަނަލް ނޫން ދާއިރާތަކުގެ މީހުންގެ އެންމެ ކުޑަ މުސާރަ 6،396 ރުޕީސް (95 ޑޮލަރު) އިން 9،100 ރުޕީސް (136 ޑޮލަރު) އަށް ބޮޑުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި އަދަދާ މެދު މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މަސައްކަތްތެރިން ބޭނުން ވަނީ އިންޑިއާގައި މިހާރު ތަކެތީގެ އަގު މައްޗަށް ދިއުމާ އެކު އެންމެ ކުޑަ މުސާރައިގެ ގޮތުގައި 18،000 ރުޕީސް ހަމަޖެއްސުމަށެވެ.
"މިއީ މައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާއެއް. އަދި މަސައްކަތްތެރިންގެ މައްސަލަތަކުގެ ސަމާލުކަން ގެނައުމަށް ބާއްވާ މުޒާހަރާއެއް،" އިންޑިއަން ނޭޝަނަލް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރަމެން ޕާންޑޭ ވިދާޅުވި އެވެ. "މި މުޒާހަރާގެ މަގްސަދު ހާސިލްކުރާނަން. މިއީ ދުނިޔޭގައި ބާއްވާ މި ބާވަތުގެ އެންމެ ބޮޑު މުޒާހަރާކަން ސާބިތުކޮށްދޭނަން."
މަސައްކަތްތެރިން ވަނީ އުފެއްދުންތެރި ނޫން ފެކްޓަރީތައް ބަންދުކުރަން އުޅޭތީ އާއި ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކަން އުޅޭތީ އެކަމާ ވެސް ދެކޮޅު ހަދައިފަ އެވެ. މަސައްކަތްތެރިން ގަބޫލް ކުރާ ގޮތުގައި ކުންފުނިތައް ޕްރައިވެޓައިޒް ކޮށްފި ނަމަ އެ މީހުންގެ ވަޒީފާ އަށް ނުރައްކާވާނެ އެވެ.
މަސައްކަތްތެރިންގެ މުޒާހަރާއާ ގުޅިގެން އިންޑިއާގެ ގިނަ ހިސާބުތަކުގެ ބޭންކްތަކާއި ފިހާރަތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގި 20 މީހަކު ވަނީ ވެސްޓް ބެންގާލުން ހައްޔަރުކޮށްފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވި މޯދީ ވަނީ އިގްތިސާދަށް ބަދަލުތައް ގެނެސް ބޭރުގެ އިންވެސްޓަރުން ޝައުގުވެރި ކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. އިންޑިއާ ސަރުކާރުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ބަޖެޓުގައި ވަނީ ޕްރައިވެޓައިޒޭޝަނުން 560 ބިލިއަން ޑޮލަރު (8.3 ބިލިއަން ޑޮލަރު) ހޯދަން ހިމަނައިފަ އެވެ. އަދި މިދިޔަ އަހަރު ހަތަރު ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދަރަނި އަރާފައިވާ ކުންފުނިތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.