08 މެއި 2019 - 23:17

ދޯހާ (މެއި 8) - ފަލަސްތީނުގެ ގާޒާ ސްޓްރިޕާއި ހުޅަނގު އައްސޭރި އަށް 480 މިލިއަން ޑޮލަރު ދޭނެ ކަމަށް ގަތަރުން ބުނެފި އެވެ.
ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހީގެ ތެރޭން 300 މިލިއަން ހޭދަކުރާނީ ހުޅަނގު އައްސޭރީގެ ރާމުﷲ ގެ ސިއްހީ އަދި ތައުލީ ޕްރޮގްރާމްތަކަށް އެހީވުމަށް ކަމަށެވެ. އަނެއް 180 މިލިއަން ޑޮލަރު ހޭދަކުރާނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވަނީ ގަތަރުން ދިން އެހީއަށްޓަކައި އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރަށް ފަހު ގާޒާގައި ދިން އެންމެ ވަރުގަދަ ރޮކެޓް ހަމަލާތައް ވަނީ މިދިޔަ ހަފުތާގެ ބަންދުގައި ދެ ފަރާތުން ބަަދަލުކޮށްފަ އެވެ. ގާޒާ ސްޓްރިޕާއި އިޒްރޭލުގެ ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 25 މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ވަނީ ހަތަރު މީހުން މަރުވެފަ އެވެ. ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވަނީ މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. އަދި އެކަމުގައި ވަނީ ގަތަރާއި އދ. އިން ވެސް އެހީތެރިވެދީފަ އެވެ.
ގާޒާގައި ފަލަސްތީނުގެ ދެ މިލިއަން މީހުން ދިރިއުޅެ އެވެ.
ގަތަރަކީ ފަލަސްތީނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ގައުމެކެވެ. މިދިޔަ ޖެނުއަރީ މަހު ވެސް ގަތަރުން ވަނީ ފަލަސްތީނުގެ 94،000 އާއިލާއަކަށް އެހީވެދީފަ އެވެ.