09 މެއި 2019 - 08:32

މިދިޔަ މަހުގެ ތެރޭގައި ރަސްމީކޮށް ބާޒާރަށް ނެރެން އުޅުނު ސެމްސަންގުގެ ފަތްޖެހި ފޯނު "ގެލެކްސީ ފޯލްޑް" ގެ ފީކަޅާކަމުގެ ވާހަކަތައް ތިލަވުމާ އެކު ފޯނު ނެރުން ފަސްކޮށް، އެންމެ ފަހުން ޕްރި-އޯޑަ ވެސް ކެންސަލްކޮށްފި އެވެ.
ފަތްޖެހި ފޯނަށް ޕްރި-އޯޑަ ކުރި މީހުންނަށް ސެމްސަންގުން ރަސްމީކޮށް މިހާރު އަންނަނީ އީމެއިލުން އެކަން އަންގަމުންނެވެ.
"ގެލަކްސީ ފޯލްޑް" ގެ ޑިޒައިންގައި ހުރި މައްސަލަތަކުގެ އިތުރުން އެ ފޯނަށް ޚާއްސަ ސޮފްޓްވެއާ އެޕްލިކޭޝަންތަކުގައި ވެސް މައްސަލަ ހުރިކަން މިހާރު ވަނީ އެނގިފަ އެވެ.
ސެމްސަންގުން ބުނީ ފޯނު ނެރުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް، ފޯނު "ބަލިކަށިކަމުން" ހަލާކުވާ މައްސަލަތަކެއްގެ ރިޕޯޓް ލިބުމާ އެކު، ދިމާވި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ފޯނު ބާޒާރަށް ނެރޭނީ އެއަށް ދިމާވި ކަމަށް ރިވިއުތަކުގައި ބުނާ ހުރިހާ މައްސަލައެއް ވަރަށް ފުރިހަމަ އަށް ހައްލު ހޯދުމަށް ފަހު ކަމަށް ބުންޏެވެ.
ފޯނަށް ކުރި އޯޑަރު ކެންސަލްކޮށް ފޮނުވަމުންދާ ނޯޓިހުގައި ބުނެފައި ވަނީ ފޯން ނެރޭނެ ދުވަހާއި އަލުން އޯޑަރު ނަގަން ފަށައި، ޝިޕިން ކުރަން ފަށާނެ ތާރީހުތައް އަލުން އިއުލާން ކުރާ ކަމަށެވެ. އަދި މާ ލަސް ނުކޮށް ހަފުތާތަކެއްގެ ތެރޭގައި އެންމެ ފަހުގެ އަޕްޑޭޓެއް ދެވޭނެ ކަމަށް ދެކުނު ކޮރެއާގެ ސެމްސަންގުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އޯޑަރުކޮށް، ޝިޕިން މަރުހަލާގައި އެއްވެސް ފޯނެއްވާ ނަމަ އޭގެ ބަދަލު ކަސްޓަމަރުންނަށް ދޭނެ އެވެ.
ސެމްސަންގުން ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކަށްވެފައި އޮތީ މި އަހަރުގެ ތެރޭގައި އެއް މިލިއަން "ގެލެކްސީ ފޯލްޑް" ބާޒާރަށް ނެރުމެވެ. ކުރިން އޮތީ މިދިޔަ މަހުގެ 26 ގައި ފޯނު ނެރޭށެވެ.
ސްމާޓްފޯނުގެ އުފެއްދުމުގެ މަސައްކަތުގެ އެންމެ ކުރީގައި އުޅޭ ސެމްސަންގް ފާހަގަ ކުރެވެނީ އެންމެ ފުރަތަމަ ފަތްޖެހި ފޯނު ވުޖޫދަށް ގެނައި ކުންފުނީގެ ގޮތުގަ އެވެ.