އައިފޯން ހެކް ކުރީ ކޮންބައެއް؟
އައިފޯން ހެކް ކުރީ ކޮންބައެއް؟

އައިފޯނަށް ފޮނުވާލާ ޓެކްސްޓް މެސެޖަކުން ފޯނު ހެކްކުރާ ބައެއްގެ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ވަނީ މީޑިއާގައި ތިލަވެފަ އެވެ. ސަލާމަތީ ގޮތުން ވަރުގަދަ ކަމަށް އެޕްލަ މަޝްހޫރެވެ. އެކަމަކު ހަގީގަތަކީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ސައްތައިން ސައްތަ ޔަގީންކަން ދެވޭނެ އެއްވެސް އުފެއްދުމެއް، ހިދުމަތެއް ވެސް ނެތްކަމެވެ.

އައިފޯން ހެކް ކުރީ ކޮންބައެއް؟
އައިފޯން ހެކް ކުރީ ކޮންބައެއް؟

ފެންނަ ފެނުމުގައި ވަރަށް އާދައިގެ ގޮތަކަށް އައިފޯން ހެކްކުރާ އެންއެސްއޯ ގްރޫޕަކީ ކިހާ ވަރުގަދަ ބައެއް ހެއްޔެވެ؟ އެއީ ކޮން ބައެއް ހެއްޔެވެ؟ އެ މީހުންގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ މިއީ ބީބީސީގައި މި ސުވާލުތަކަށް ޖަވާބުދީ ލިޔެފައިވާ ލިޔުމެއްގެ ހުސާލާ ތަރުޖަމާއެކެވެ.

އެންއެސްއޯ އަކީ އިޒްރޭލުގައި ހިންގާ އެމެރިކާ ކުންފުންޏެކެވެ. އައިފޯނަށް ފޮނުވާލާ މެސެޖެއް ހުޅުވާލުމާ އެކު "ޖެއިލްބްރޭކް"ވެ ޖާސޫސްކުރުމަށް ބޭނުންވާ ސޮފްޓްވެއާ ފޯނުގައި އިންސްޓޯލްކުރެވޭނެ ގޮތް އެ މީހުން ހޯދި އެވެ. މި މީހުން ބުނަނީ ކުރާ މަސައްކަތަކީ ޓެރަރިޒަމާއި ކުށްކުރުމާ ދެކޮޅަށް ބޭނުންކުރާ ޓޫލްތައް އުފެއްދުން ކަމަށެވެ. އެކަމަކު ސެކިއުރިޓީ ރިސާޗަރުން ބުނަނީ މިއީ "ސައިބަ އާމް ޑީލަރުން" ކަމަށެވެ. ނުވަތަ ސައިބަ ހަމަލާތަކަށް ބޭނުންވާ ހަތިޔާރު ވިއްކާ ބައެއް ކަމަށެވެ.

ސަވައިލެންސް އިންޑަސްޓްރީ އިންޑެކްސް (އެސްއެސްއައި) އިން ބުނާ ގޮތުގައި އެންއެސްއޯ އަކީ 2010 ވަނަ އަހަރު އިޒްރޭލުގެ، ހަރްޒްލިޔާގައި ގާއިމުކުރި ކުންފުންޏެކެވެ. އައްސޭރި ފަށުގައި އޮންނަ ހިތްގައިމު މި ސިޓީ އަކީ ޓެކްނޮލޮޖީގެ އާ ވިޔަފާރިތަކަށް މަޝްހޫރު ތަނެކެވެ. އެންއެސްއޯ އުފައްދާފައި ވަނީ އިޒްރޭލު އަސްކަރިއްޔާ އިން ޖާސޫސީ ކަންކަމަށް ބޭނުންކުރާ ޓެކްނޮލޮޖީ ތަރައްގީކުރާ ކުންފުނިތައް އުފެއްދުމަށް ކުރިއަށް ގެންދާ ސްކީމެއް ކަމަށްވާ "8200 އިންޓެލިޖެންސް ޔުނިޓް"ގެ މާލީ އެހީއާ އެކުގައި ކަމަށް ވަނީ ބެލެވިފަ އެވެ.

ފޯބްސް އިން ބުނާ ގޮތުގައި 8200 އިންޓެލިޖެންސް ޔުނިޓަކީ އީރާނަށް އަމާޒުކޮށް ދިން ވަރުގަދަ ސައިބަ ހަމަލާ ކަމަށްވާ "ސްޓަކްސްނެޓް" ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރި ބައެކެވެ. ސްޓަކްސްނެޓަކީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅުން ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ހަމަލާދީ މަޝްރޫއާ ގުޅޭ މައުލޫމާތުތައް ވަގަށް ނަގައި ބޮޑެތި ގެއްލުންތަކެއް ދިން ހަމަލާއެކެވެ.

އެންއެސްއޯ ގްރޫޕުން މެކްސިކޯ އާއި ޕެނަމާގެ ރަސްމީ އެކި އިދާރާތަކާ އެކު މިލިއަން ޑޮލަރުގެ ވިޔަފާރީގެ ޑީލްތައް ހަދާފައިވާ ކަމަށް ވެސް އެސްއެސްއައި އިން ބުނެ އެވެ. މި މީހުންގެ މަސައްކަތަކީ ސިއްރެއް ވެސް ނޫނެވެ. މިފަހަރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ އަހްމަދު މަންސޫރުގެ އައިފޯން ހެކްކުރަން ކުރި މަސައްކަތާ ގުޅިގެން އެންއެސްއޯ އަށް ކުރި ތުހުމަތަށް ވެސް ފާޅުގައި ވަނީ އެއްބަސްވެފަ އެވެ. އެ ކުންފުނީގެ ތަރުޖަމާނަކު ބުނެފައި ވަނީ އެ ކުންފުނިން އެކި ގައުމުތަކުގެ ސަރުކާރަށް ޓޫލްތައް ވިއްކާ ކަމަށާއި އެކަން ކުރަނީ ހުއްދަ އޮވެގެން ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި ކަމަށެވެ. އަދި ބުނެފައި ވަނީ ޓޫލްތައް ވިއްކުމަށް ފަހު އެ ޓޫލެއް ބޭނުންކުރާ ގޮތަކާ މެދު ކުންފުންޏަށް ފޯރުވޭނެ ބާރެއް ނޯންނާނެ ކަމަށެވެ. މާނަ އަކީ އެ ކުންފުނިން ޓޫލް ވިއްކީ ކޮންމެވެސް ގައުމެއްގެ ސަރުކާރުގެ އިދާރާއަކަށް ވުމެވެ.

މަންސޫރަށް މެސެޖުތަކާ މެދު ޝައްކުވެގެން، އެ މެސެޖުތަކުގައިވާ ލިންކުތަކަށް ނުވަދެ ސައިބަ އެކްސްޕާޓުންނަށް ދެއްކުމުން އެއީ ޖާސޫސުންގެ އަމަލެއްކަން އެނގި ސަލާމަތް ވެވުނެވެ.

އެންއެސްއޯ އަކީ ކޮންމެ ބަޔަކަށް ވިޔަސް، ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި އެއީ ވަރަށް ކުޅަދާނަ ހުނަރުވެރިން މަސައްކަތްކުރާ ތަނެކެވެ. އައިފޯން ހެކްކުރުމަށް މި މީހުން ބޭނުންކުރި އުކުޅު އެނގުމާ އެކު އެޕަލް އިން މިހާރު ވަނީ އެކަން ކުރުމަށް ބޭނުންކުރި ބާގަނޑު ބަންދުކޮށްފަ އެވެ. އެ ޕެޗް އުފައްދަން އެޕަލް އިން 10 ދުވަސް ހޭދަކުރި އެވެ.