04 ސެޕްޓެމްބަރ 2016 - 06:32

ޑެންގީ އާއިލާ އަށް ނިސްބަތްވާ، މަދިރީގެ ސަބަބުން ޖެހޭ ޒިކާގެ ނުރައްކާ މުޅި ދުނިޔޭގެ ދެ ބިލިއަނަށް ވުރެ ގިނަ މީހުންނަށް އެބަ އޮތް ކަމަށް ސައިންސްވެރިން އިންޒާރު ދީފި އެވެ.
ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދާއި ދަތުރުތައް ރޭވިފައިވާ ގޮތް ދިރާސާކުރުމަށް ފަހު "ދަ ލާންސިޓް އިންފެކްޝަސް ޑިޒީޒަސް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ޒިކާ ޖެހުމުގެ ފުރުސަތު ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް އެބަ އޮތް ކަމަށެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އިންޑިއާ އާއި އިންޑޮނީޝިއާ އާއި ނައިޖީރީއާ އަކީ ޒިކާގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތައް ކަމަށެވެ. އަދި ބަލި ފެތުރުމުގެ ނުރައްކާ އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ ހޫނު މޫސުމުގައި، ދަތުރުކުރުން އިތުރުވެ އަދި ދިގު ދަތުރުތައް ވެސް އިތުރުވެގެން ދިއުމުން ކަމަށެވެ. އަދި ސިއްހީ ހިދުމަތުގެ ފެންވަރު ދަށް ފަގީރުން ގިނަ ގައުމުތައް ކަމަށްވާ ފިލިޕިންސް، ވިއެޓްނާމް، ޕާކިސްތާން އަދި ބަންގްލާދޭޝްގައި ބަލީގެ ނުރައްކާ ވަކިން ބޮޑުވާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފައިވެ އެވެ.
މިހާރު 70 އަށް ވުރެ ގިނަ ގައުމުގައި ޒިކާ ވައިރަސް ދަނީ ފެތުރެމުންނެވެ. މިއީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ކަނޑައަޅާފައި ވާއިރު މި ބައްޔަށް މިހާތަނަށް ހާއްސަ ވެކްސިނެއް ވެސް ނެތެވެ.
އެންމެ ފުރަތަމަ ޒިކާ ވައިރަސް ފެނިފައި ވަނީ 1947 ވަނަ އަހަރު ޔުގެންޑާއިން ރާމާމަކުނުގެ ހަށިގަނޑުންނެވެ. މިއީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔަކަށް އޭރު ނުވާތީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވިފައެއް ނުވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު ބްރެޒިލުން މި ބަލީގެ ގިނަ އަދަދެއްގެ ކޭސްތައް ފާހަގަވެ މިހާރު ވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ފެތުރި، އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔަކަށް ވެފަ އެވެ.
ޑެންޑީ ޖައްސާ އީޑީސް މަދިރީގެ ސަބަބުން ޖެހޭ މި ބަލީގައި ފެންނަނީ ވެސް ޑެންގީ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެކެވެ. މި ބަލީގެ އަސަރުކޮށްފައިވާ މީހުންނަށް ލިބޭ ދަރިންނަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވެ އެވެ. އަދި މިކަމާ ގުޅުން ހުރި ސިއްހީ އެކި މައްސަލަތައް ތަހައްމަލްކުރަން ޖެހެ އެވެ.