08 މެއި 2019 - 12:24

ބަޣުދާދު (މެއި 8) - އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ކުއްލި ގޮތަކަށް އިރާގަށް ވަޑައިގެންފި އެވެ.
ބާލިން އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރެއްވުމަށް ފަހު ޝެޑިއުލްގައި ނެތް ދަތުރެއްގައި ޕޮމްޕެއޯ ބަޣުދާދަށް ވަޑައިގެންނެވި އިރު އެމެރިކާ އާއި އީރާނުގެ މަޝްރަހު ވަނީ ގޯސްވެފަ އެވެ. އަދި އެމެރިކާ އިން މިހާރު ވަނީ އީރާނަށް ބިރު ދެއްކުމުގެ ގޮތުން މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކޮން މެދުއިރުމައްޗަށް ފޮނުވަން ނިންމައިފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ މި މަނަވަރު ފޮނުވަނީ ގަލްފުގައި އީރާނުގެ ފަރާތުން އެމެރިކާގެ ލަޝްކަރަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ކަމަށެވެ. މަނަވަރާ އެކު އެމެރިކާ އިން ވަނީ ބޮން އަޅާ ބީ-52 ގެ ބޯޓުތައް ވެސް ފޮނުވައިފަ އެވެ.
އިރާގުގައި ޕޮމްޕެއޯ ވަނީ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ އަދި ރައީސް ބަރްހަމް ސޯލިހްއާ ބައްދަލު ކުރައްވައިފަ އެވެ. ޕޮމްޕެއޯ ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިން ހިމާޔަތްކޮށްދިނުމަށް އިރާގުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"އިރާގަށް ވެސް ވިސްނިފައި ވަނީ މެދުއިރުމަތީގައި އެމެރިކާ ސިފައިންނަށް ކުރިމަތިލާން ޖެހިފައިވާ ބިރުވެރިކަން. އަދި އެމެރިކާ ސިފައިން ހިމާޔަތް ކުރަން ޖެހޭކަން އިރާގަށް ވެސް ގަބޫލް ކުރެވޭ،" ޕޮމްޕެއޯ ވިދާޅުވި އެވެ.
ބޮން އަޅާ ބޯޓު ފަހަރު ގަލްފަށް ފޮނުވި ނަމަވެސް ޕެންޓަގަނުން ބުނެފައި ވަނީ އީރާނާ އެކު ހަނގުރާމައެއް ފަށަން އެމެރިކާ އިން ބޭނުން ނުވާ ކަމަށެވެ. އެކަމަކު މެދުއިރުމަތީގައި އެމެރިކާ ސިފައިން ދިފާއު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެފައި ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް ފޮނުވަނީ އީރާނަށް މެސެޖެއް ދޭން ކަމަށެވެ.