10 މެއި 2019 - 08:58

އެއާޕޯޓްގެ ރެސްޓޯރެންޓް ތެރޭ ފޯނުން ޚަބަރު ކިޔަން އަޒީމް އިންދާ މީހެއްގެ ހިޔަނި ވިހެން ބަލާލިއިރު ކުރިމަތީގައި ހުރީ ޅަދޮން އަންހެންކުއްޖެކެވެ. އަޒީމް އަށް ކަޅި އަޅާފައި ބަލާލެވުނީ ލޭ ކުލައިން ގަދަކޮށް ފަވާފައިވާ ތުންފަތަށެވެ. އެއާ އެކު އެ ކުއްޖާ އަށް ރަނގަޅަށް ބަލާލެވުނެވެ. ލޮލުގެ ތޫނުކަން ހަންޖަރެއް ފަދަ އެވެ. އަނދުން އަޅާ ފަވާލާފައިވާތީ ލޮލުގެ ތޫނުކަން ހިތްތައް ކަތިކޮށްލާ ފަދަ އެވެ. ކޮނޑާ ހަމަޔަށް އަންނަ އިސްތަށިގަނޑުގެ ކުލައަކީ މެރޫން އެވެ. އޭނާގެ ކައިރީ ކޮޅަށް ހުރި ސުއިޓްކޭސްގެ މަތީ އަތްދަބަސް ބަހައްޓާފައި ޖޫލީ ހިނިތުންވެލި އެވެ.
"އެކަނިތަ؟" އެ މޭޒުދޮށުގައި އަޒީމް ފިޔަވައި އިތުރު މީހެއް ނެތްކަން އެނގިހުރެ ޖޫލީ އަހާލި އެވެ. ""ވޯންޓް ޖޮއިން މީ؟"
އެހާ ރީތިކުއްޖަކު ކުރިމަތީގައި ހުރެފައި ދާން އޭނާގެ ހިތް ދެކޮޅު ހެދި އެވެ. ޖޫލީ އިށީނެވެ. ވެއިޓަރަށް ގޮވާލާފައި ފެންތައްޓެއް ގެނެސްދޭން އެދުނެވެ. އަޒީމް އިނީ ޖޫލީ އަށް ސަމާލުކަން ދީގެންނެވެ. ދުވަހަކު ވެސް ފެނިފައި ނުވިއަސް އެ ރީތިކަމުގެ ދަލުގައި އޭނާ ބެހެމުން ދިޔަ އެވެ.
"މިތާ ނެތް މި ނޫނީ ހުސް ގޮނޑިއެއް ވެސް، އަދިވެސް އަހަރެން ކައިރީ މީޓްކުރަން ބުނި މީހާ ނާދޭ. ބައިދަވޭ، އައި އެމް ޖޫލީ،" އަތުގެ ކަށި އިނގިލީގައި އިން އަލިމަސްޖެހި އަނގޮޓި އާ ކުޅެމުން ޖޫލީ ވާހަކަ ދެއްކި އެވެ. ކޮންމެ ލަފްޒެއް ކިޔާލާއިރު އެހުންނަ ފަރިކަމުން އަޒީމްގެ ހިތް ގައިދުކުރަމުން ދިޔަ އެވެ.
"އިޓް އިޒް އޯކޭ، އަހަރެން މިހުރީ ދާންވެފައި، މި ކޮފީ ތަށި ހުސްވަންދެން މި އިންނަނީ." އަޒީމް ބުނެލި އެވެ.
އެ ދެ މީހުންނަށް ޖާގަ ދީފައި އަޒީމް ދާހިތެއް ނުވި އެވެ. ޖޫލީ ކުރިމަތީ އިންނަން ބޭނުންވި އެވެ.
އަޒީމް އަށް ޖޫލީ އަކީ ކާކުކަމެއް ނޭނގެ އެވެ. އެކަމަކު އެއީ ކައިވެންޏެއް ނުކޮށް ހުރި ހުސްކުއްޖެކޭ ހިތް ބުންޏެވެ. އަޒީމް އަކީ ކައިވެންޏެއްކޮށް ދެ ކުދިންގެ ބައްޕައެކެވެ. އެއާޕޯޓަށް އައީ އަންހެނުންނާއި ކުދިން ފުރުވާށެވެ. އެ މީހުންގެ ވަކިވުމާ އެކު އަޒީމް އަށް ބޭނުންވާ މިނިވަންކަން ވަނީ ލިބިފަ އެވެ.
ޖޫލީ ފޯނު ނަގައި މީހަކަށް ގުޅަން މަސައްކަތްކުރި އެވެ. ދެން ފެނުނީ ފޯނު ތިރިކޮށް މޭޒުމަތީ ބޭއްވި ތަނެވެ.
"އައި ޝުޑް ހެވް ނޮޓް ކަމް ހިޔަރ" ޖޫލީ ވާހަކަ ދެއްކީ އަމިއްލަ ނަފްސާ ތޯ ނޫނީ އަޒީމް އާ ތޯ ސުވާލު އުފެދިފައި އަޒީމް އަށް އިނދެވުނެވެ. ކަރުނައިގެ އަސަރުން ދެ ލޯ ފުރިގެން އައި ހިނދު މަޑު ރަތްކަމެއް އުފެދެމުން އައިތަން އަޒީމް ދުށްޓެވެ.
"ސޮރީ؟" އަޒީމް އަށް ފަހުމް ނުވެގެން އަހާލި އެވެ.
"އަހަރެން ބޭރުގައި ހުރެފައި މިއައީ އެންމެ މީހަކަށްޓަކައި، އަހަރެން އައީ ބުނެފައި، މިކޮޅަށް އައިފަހުން ވެސް ގުޅައިފިން. އޭނަ އެހުރީ އަހަރެން އައީތީ ރުޅި އައިސް، މިހާރު ފޯނު ނިއްވާލައިފި. އަހަރެން ދާނީ ކޮންތަނަކަށް؟ މިތަނުގައި އަހަރެން ދަންނަ އެއްވެސް މީހަކު ނެތް." ޖޫލީގެ ހިތުގެ ރިހުން ހުރީ ފެންނާށެވެ.
އަޒީމް އަށް އެއީ ހިތްދަތިވެ ދާނެ މަންޒިލެއް ނެތް ކުއްޖެއްކަން އެނގުމުން ވަކިން ގަޔާވެވުނެވެ. އޭނާގެ ދަލުގައި ޖޫލީ ޖައްސަން ބޭނުމެވެ. ހަލާކުވެފައިވާ ހިތަކަށް ބޭނުން ވަނީ އޯގާތެރި ބަސްމަގެވެ. އެއީ އަޒީމް ފަރިތަ ކަމެކެވެ. ދުލުގެ ކުޅަދާނަ ކަމަކީ އަޒީމްގެ ހުނަރެކެވެ.
"ހެއި؟ އަހަރެމެން ބައްދަލުވީ ދެންމެ، އެކަމަކު އަހަރެން މިއީ ޖޫލީގެ ރައްޓެއްސެއް، ނޫނީ ފްރެންޑަކަށްވުރެ ކްލޯޒް މީހެއް، އަހަރެންގެ އެހީ ބޭނުންތަ؟" އަޒީމް އަތްތިލަ ބޭއްވީ ޖޫލީގެ އަތްމަތީގަ އެވެ. ޖޫލީ ނޭފަތް ދަމާލާ ހަމަޖެހިލަން މަސައްކަތްކުރި އެވެ.
"ބައެއްފަހަރު ހިތަށް ހަމަޖެހުން ލިބެނީ ނުދަންނަ މީހަކަށް ވިއަސް ކަންކަން ހިއްސާކޮށްގެން، އެހެންވެ މި ކިޔައިދެނީ، އަހަރެން ލޯބިވީ މީހެއްގެ ފިރިއެއް ދެކެ، އެކަން އެނގިހުރެ، އެއީ މައްސަލައަކަށް ނުވާތީ، އަހަންނާ ކައިވެނިކުރަން އޭނަ ބުނި. ކަނޑައެޅި އެތައް ތާރީޚެއް ހިނގައްޖެ. އަހަރެން އޭނަ އާ ގުޅުން ދެމެހެއްޓީ އާއިލާ އާ ދެކޮޅަށް، އެންމެފަހުން އޭނަ ހޯދަން މިއައީ އާއިލާ އަށް ފިލައިގެން،" ޖޫލީގެ ދެ ލޮލުން ކަރުނަތައް ބަންޑުންވި އެވެ. އޭނާ އަށް ރޮވުނެވެ. އަޒީމް ގޮނޑި ދަމާލީ ޖޫލީ އާ ކައިރިއަށެވެ. އެތަނުގެ އެތައް ބަޔަކު ތިއްބެވެ. ޖޫލީގެ ކޮނޑުގައި އަޒީމް އަތް ބާއްވާލި އެވެ.
ޖޫލީ ފޯނު ނަގައި ދެއްކީ ފިރިހެނެއްގެ ފޮޓޯއެކެވެ. ޑިސްޕްލޭގައި އިނީ ޖޫލީގެ ކޮނޑަށް އަތް ވައްޓާލައިގެން ހެވިފަ އެވެ. އެއީ އަޒީމް ދަންނަ މީހެއް ނޫނެވެ.
"އެއީ ޖަނާހް،" ޖޫލީ ބުނެލި އެވެ.
"އަހަރެން ދަންނަމޭ މީނަ، ހިނގާ އަހަންނާ އެކު." އަޒީމް ބޭނުންވީ ޖޫލީގެ އެކަނިވެރިކަމުގެ ފައިދާ ނަގާށެވެ.
"އަސްލުތަ؟" ދެލޯ ފޮހެލަމުން ޖޫލީ އަހާލި އެވެ. އަޒީމް އަށް ބަލާފައި ހިނިތުންވި އެވެ.
** **
ކާރުގައި އައިސް ހުއްޓީ އަޒީމްގެ އެޕާޓްމެންޓްގެ ދޮރުމަތީގަ އެވެ. ޖަނާހް އުޅޭ ތަނަށް ދިއުމުގެ ކުރިން ޖޫލީ ކައިރީ ފެންވަރާލައި ތާޒާ ވެލުމަށް އަޒީމް އެދުނެވެ. ދިގު ދަތުރަކަށް ފަހު ޖޫލީ ވަރުބަލިވެފައިކަން އޭނާގެ މޫނުމަތިން އެނގެ އެވެ. ޖޫލީ އަށް ކޮޓަރި ދައްކާފައި އަޒީމް އިށީނީ ސޯފާގަ އެވެ.
އޭގެ ބައިގަޑިއިރު ފަހުން ޖޫލީ އައެވެ. ފެންވަރާލައިގެން ނިކުތުމުން ޖޫލީގެ ރީތިކަން ކުރިއަށްވުރެ ފުރިހަމަ އެވެ. ހަން އޮމާން މޫނެކެވެ. އިސްތަށިގަނޑު ތެތްވެފައި އޮތުމުން މިފަހަރު ވެސް މިނިވަންކޮށް އިސްތަށިގަނޑު ވަނީ ދޫކޮށްލާފަ އެވެ. ލައިގެން ހުރީ ހުދުކުލައިގެ ޓީޝާޓަކާއި ސޯޓުކޮޅެކެވެ. އަޒީމް ކައިރީ ކާއެއްޗެއް ނެތްތޯ އެހި އެވެ.
އަޒީމް ދެއްކީ ބަދިގެ އެވެ. ޖޫލީ ދާން ފެށުމުން އަޒީމް ހުއްޓުވި އެވެ. އޯޑަރަށް އެއްޗެއް ގެންނަންވީނުންހޭ އެހި އެވެ. ޖޫލީ އެއްބަސްވި އެވެ. އެކަމަކު އޯޑަރު އަންނަންދެން ކޮފީއެއް ބޯލަން ބޭނުންވާ ކަމަށް ބުނެފައި ބަދިގެ އަށް ވަނެވެ.
އަޒީމްގެ ފޯނަށް މެސެޖެއް އައެވެ. އަންހެނުންނާއި ކުދިންނަށް ލަންކާ އަށް ދެވުނުކަމުގެ މެސެޖެވެ.
ޖޫލީ އެނބުރި އައީ ދެ ތަށި ކޮފީ ހިފައިގެންނެވެ. އަޒީމް އަށް އެއް ތަށި ދީފައި ޖޫލީ އައިސް އިށީނީ އަޒީމް އިށީދެ އިން ސޯފާގަ އެވެ. ނޭނގޭ ކަމަށް ހަދާފައި އަޒީމް ޖޫލީގެ ކޮނޑަށް އަތް ވައްޓާލި އެވެ. ޖޫލީ ކަޅި ހުއްޓިފައިވީ ކުރިމަތިން ފެންނަ ޓީވީ އަށެވެ. އެ ދެމެދުގައި ވީ ހުސްތަން އަޒީމް ކުޑަކޮށްލި އެވެ. ޖޫލީގެ ގަޔާއި ޖެހޭވަރަށް ކައިރިވި އެވެ. އަޒީމްގެ ފަލަމަސްގަނޑުގައި ޖޫލީ އަތްތިލަ ބޭއްވި އެވެ.
އަޒީމް އެދޭ ފަދަ ލައްޒަތަކަށް ޖޫލީ އިންކާރު ނުކުރާނެކަމުގެ ސިގުނަލް ލިބުމުން އަޒީމް ހީނލި އެވެ.
ޖޫލީ ގެނައި ކޮފީ ތަށި އެއް ނޭވާއިން ދަމާލާފައި ޖޫލީ އަށް ބަލާލިއިރު އަޒީމްގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަދެއްޖެ އެވެ. ފެންކަޅިވެ މަންޒަރު ފުސްވާން ފެށި އެވެ. ޖޫލީ ހިނިތުންވެފައި އަޒީމްގެ މޫނާއި ކައިރިވިތަން އޭނާ އަށް ފެނުނެވެ. އަޒީމްގެ މޭގައި އަޅާ ސޯފާ އަށް ކޮއްޕާލި އެވެ. އަޒީމް ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ދިޔަ އެވެ. މިފަހަރު އިންކާރުކުރަން އަޒީމް ބޭނުންވި އެވެ. އޭނާ އަށް މިވަނީ ކީއްތޯ އަހަން ބޭނުންވި އެވެ. އަތް ތުރުތުރުލާފައި ކޮފީ ތަށި ވެއްޓުނެވެ. ތަށި ތަޅައިގެން ގޮސް ބިއްލޫރިތައް ބުރައިގެން ދިޔަ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެކަމަކު އޭގެފަހުން އޭނާ އަށް ހީވީ ހިމޭން މަންޒިލަކަށް ދެވުނުހެންނެވެ. ޓީވީގެ އަޑު ވެސް ނީވެ އެވެ. އޭނާގެ މޭމަތީ ޖޫލީ ބޯ އެޅިކަން އެނގެ އެވެ.
ބޮލަށް ބަރުވެފައި ހުރިކަން އެނގެ އެވެ. ނިތްކުރީގައި އަތް ކާއްތަމުން އަޒީމް ދެލޯ ހުޅުވަން މަސައްކަތްކުރި އެވެ. ގަދަ ނިންޖަކުން އޭނާ ބަނދެމުން ދާހެން އަދިވެސް ހީވެއެވެ. ކޮފީ އަށް އެއްޗެއް އަޅާފައިވާކަން އޭނާ އަށް ޔަގީނެވެ.
"ޖޫލީ." އަޒީމް ގޮވާލި އެވެ.
އެތަނުގައި އެއްވެސް މީހަކު ނެތެވެ. ދެ ލޯ ހުޅުވި ތަންތަން ސާފުވުމުން އޭނާ އަށް ފެނުނީ ގޭގެ ފަޅުކަމެވެ. ސޯފާގައި އޮވެވުނު ކަމެވެ. ހޭލެވުނީ ހުވަފެނަކުން ނޫނެވެ. ތަޅައިގެން ގޮސްފައިވާ ބިއްލޫރިކޮޅުތައް އޭނާ އަށް ފެނުނެވެ. ސިހިފައި ތެދުވެވުނުއިރު އޮވެވުނީ ފޭރާމަކާ ނުލައެވެ.
އަވަހަށް ސޯޓުބުރި ނަގައި މަހާލާފައި ހަމަނުޖެހި އުޅެނިކޮށް ފޯނު ރިންގުވާން ފެށި އަޑަށް އަޒީމް ބަލައިލި އެވެ. އޭނާގެ ފޯނަށް ގުޅަނީ އަންހެނުންނެވެ. ރިންގު ހުސްވަމުން ގޮސް ފޯނު ކެނޑުނުއިރު އެ ކޯލަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. ރިންގުގެ އަޑު މެދުކެނޑުމަށް ފަހު ފޯނު ވައިބްރޭޓްވީ މެސެޖެއް އައިސްގެންނެވެ. މެސެޖު ކިޔާލުމުން އޭނާ އަށް ނުބައެއް އުޅޭކަން ޔަގީންވެއްޖެ އެވެ.
"ވަރަށް ރަނގަޅު ޑްރާމާއެއް ތިކުޅެލީ،" އެ މޭރުމުން އަންހެނުން މެސެޖު ކުރަންވީ ކީއްވެބާއޭ ހިތަށް އެރި އެވެ.
ވައިބާގައި ގިނަ މެސެޖްތަކެއް ހުރުމުން ބަލާލިއިރު މީގެ 15 މިނެޓްކުރިން އަންހެނުންނަށް ފޮނުވާފައި ހުރި ފޮޓޯތައް ފެނިފައި އޭނާ ލަދުގަތެވެ. އަޒީމް އާއި ޖޫލީގެ ތަސްވީރުތަކަކީ އޭނާގެ ރުހުމަކާއި ނުލައި ވި ކަމެކޭ ބުންޏަސް ހުދު އަންހެނުންގެ ގަބޫލެއް ނުކުރާނެ އެވެ. ޖޫލީ މި ފުރާޅު ދަށަށް ގެނައީ އަޒީމް އަމިއްލަ އިޚްތިޔާރުގަ އެވެ. އޭރު އޭނާގެ ނިޔަތަކީ ޖޫލީ އަށް އެހީވުމަށްވުރެ މުޅިން އެހެން ކަމެކެވެ.
ޖޫލީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ފޯނު ކޯޑު ޖަހައި އެއަށް ވަންނަން އެނގުނީ ކިހިނެއްބާ އެވެ؟ އަޒީމްގެ އަންހެނުންނަށް އެ ފޮޓޯތައް ފޮނުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަޒީމް ސިހުނީ މެސެޖެއް އައިސްގެންނެވެ. ނުވެސް ދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖެކެވެ. ފޮޓޯތައް މީޑިޔާގެ ހުރިހާ މަންސައެއްގައި ދައުރުވަމުންދާނެ ކަމުގެ އިންޒާރެކެވެ. އަޒީމް އެ ނަންބަރަށް ގުޅި އެވެ. ފޯނެއް ނުނަގަ އެވެ. އަނެއްކާ ވެސް އައީ މެސެޖެކެވެ.
"ސަޕްރައިޒް ކަމުދޭތަ؟" އެއީ ކާކު ކުރިކަމެއް ބާއޭ އަޒީމް ހިތަށް އެރިއެވެ.
އޭނާ އަށް ލަނޑުދޭން ހިތުލާނީ ކާކު ބާއެވެ؟ އެއީ ކާކުތޯ އަޒީމް ސުވާލު ކުރީ މެސެޖުންނެވެ.
އޭގެ މިނެޓެއްފަހުން އަޒީމްގެ ފޯނަށް އައީ ލިންކެކެވެ. އެއަށްވަދެ ބަލާލިއިރު ފެނުނީ މީގެ ދެ އަހަރު ކުރިން އަމިއްލަ އަށް ދަންޖެހި ނިޔާވި އަންހެންކުއްޖެއްގެ ޚަބަރެވެ. އޭގައި ޖަހާފައިވާ ފޮޓޯ ފެނިފައި އަޒީމް ސިހުނެވެ. އެއީ އަޒީމްގެ މަޅީގައި ޖެހުނު ކުއްޖެކެވެ. ނަމަކީ ސަމަރާ އެވެ. އެ މައުސޫމް ހިތް އަޒީމް ކުދިކުރީ ރަހްމެއް ނެތި އެވެ. އަޒީމް ބޭނުންވި ވަރަށް އުފާކުރުމަށް ފަހު އެ ކުއްޖާ ފަޟީހަތް ކުރި އެވެ. އޭނާގެ ބަރަހަނާ ފޮޓޯތައް ވިއްކައި މަންފާ ހޯދި އެވެ. ދުނިޔޭގެ ލަދަށް ފިލަން ނެގުނު ފިޔަވަޅަކީ ފަންކާއެއްގައި ބެޑްޝީޓެއް އޮޅާލައިގެން ދަންޖެހުމެވެ.
ޖޫލީ އަކީ ސަމަރާ އަށް ލިބުނު އަނިޔާގެ ބަދަލު ހިފަން އައި ސަމަރާގެ ކޮއްކޮ އެވެ. ޖޫލީގެ މަޅީގައި އަޒީމް ޖެހުނެވެ. އަޒީމް ހީކުރީ ސިކުނޑީގެ ބޭނުން ކުރަން އެނގޭނީ އޭނާ އަށް ކަމަށެވެ. ޖޫލީ އައީ މާކުރިން އަޒީމްގެ ހުރިހާ މައުލޫމާތެއް ހޯދައިގެންނެވެ. ތައްޔާރުވެގެންނެވެ. އަޒީމް އަންހެނުން ފުރުވަން ދާކަން އެނގި އެއާޕޯޓަށް އައެވެ. ޖޫލީ ދެއްކި ހުރިހާ ވާހަކަތަކަކީ ހުސް ފޭކެވެ. ތިން ވަނަ މެސެޖުގައި ޖޫލީގެ ހަގީގަތް ލިޔެވިފައި އޮތެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަޒީމްގެ ފޮޓޯތައް ފެންނާނެ ލިންކެއް ވެސް ފޮނުވި އެވެ. އެއިން އެއްވެސް ފޮޓޯއަކު ޖޫލީގެ މޫނު އަރާފައެއް ނުވެ އެވެ. އެކަމަކު އަންހެންކުއްޖަކު ކަން އެނގެ އެވެ.
އަޒީމްގެ ފަރާތުން އަންހެނުން އެދުނީ ވަރިއަށެވެ. އެއްވެސް ކަމެއް އޮޅުންފިލުވައިދޭން ފުރުސަތެއް ނުދިނެވެ. ދަންނަ އެއްވެސް މީހަކާ މޫނު ހަމަކުރާކަށް އަޒީމްއަކަށް ނުކެރުނެވެ. ފަޟީހަތް ވުމަކީ ކިހާ ވޭން ހުރިކަމެއްކަން އަމިއްލަ އިހްސާސް ކުރެވުނީމަ އެވެ.
(ނިމުނީ)