ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ވެސް އިޓަލީގެ ލޭކް ކޯމޯގައި؟
ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ވެސް އިޓަލީގެ ލޭކް ކޯމޯގައި؟

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރާނެ އިރެއް ނޭނގުނަސް، ދެން މާ ލަހެއް ނުވެ މި ކައިވެނި ވެސް ފެނިދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މީޑިއާތަކުން ލަފާ ކުރާ ގޮތުގައި އަންނަ އަަހަރު އެވެ.

މިހާރު މި ވަނީ އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ހަފުލާ އޮންނާނެ ތަނަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވެން ފަށައިފަ އެވެ. ބޮލީވުޑްގައި ޑެސްޓިނޭޝަން ވެޑިންތަކަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ އިރު، ފިލްމުފެއާ ބުނާ ގޮތުގައި އާލިއާ އާއި ރަންބީރު ކައިވެނި ކުރާނީ އިޓަލީގެ ލޭކް ކޯމޯގަ އެވެ.

އެތަނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްގެ ކައިވެނީގެ ހަފުލާ ވެސް ކުރިއަށް ދިޔަ ތަނެވެ. އަދި ލޭކް ކޯމޯއަކީ ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވާ ތަނެކެވެ.

ފިލްމުފެއާ އިން ބުނީ ރަންބީރާއި އާލިއާ މި ވަގުތު ފިލްމީ މަސައްކަތްތަކުން ކުރު ބްރޭކެއް ނަގައި، ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރަމުން އަންނަ އިރު، މި ދަތުރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ލޭކް ކޯމޯ އަށް ޒިޔާރަތްކޮށް، އެތަން ދުރާލައި ތަޖުރިބާ ކުރާނެ ކަމަށެވެ.

މި ވަގުތު ދެ ތަރިން ތިބީ ސްވިޓްޒަލެންޑްގަ އެވެ.

އަންނަ އަހަރު ރަންބީރު، 36، އާއި އާލިއާ، 26، ކައިވެނި ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ އިރު، ދެ ތަރިން އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ވެސް ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.