އަނަންޔާ ޕާންޑޭގެ އައިޑޮލް އަކީ އާލިއާ ބަޓް
އަނަންޔާ ޕާންޑޭގެ އައިޑޮލް އަކީ އާލިއާ ބަޓް

އައިޑޮލްއެއްގެ ގޮތުގައި ދެކޭ ބަތަލާ އަކީ އާލިއާ ބަޓް ކަމަށް "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.

އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބުނީ ބޮލީވުޑަށް ނުކުންނަ ޒުވާން ބަަތަލާއިން ނަމޫނާއަކަށް ބަލަން އާލިއާ ވަރުގެ ތަރިއެއް ނެތް ކަމަށެވެ. އެގޮތުން 2012 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުމެ ފާއިތުވި ހަތް ވަރަކަށް އަހަރުގެ ތެރޭގައި އާލިއާ ހޯދި ކުރިއެރުންތަކަކީ ބުރަ މަސައްކަތާއި ހުނަރުން ހޯދި ކުރިއެރުންތަކެއް ކަމަށެވެ.

"އެހެންވެ އެއީ މި ވަގުތު އިންސްޕިރޭޝަނަކަށް ބަލަން އެންމެ ހައްގު ބަތަލާއަކީ އެއީ. އަހަރެން މި އަންނަނީ އާލިއާ މި ދާއިރާ އަށް ނުކުތް ފަހުން އޭނާ ފޮލޯ ކުރަމުން. އޭނަގެ މަސައްކަތަކީ އަލަށް ނުކުންނަ ކުދިންނަށް އޮތް ވަރަށް ވެސް ބޮޑު ހިތްވަރެއް،" އަނަންޔާ ބުންޏެވެ. "އަދި ފިލްމު ކުޅެން ބޭނުންވާ އަންހެން ކުދިންނަށް އާލިއާ ވަރުގެ ނަމޫނާއެއް ނެތް."

އާލިއާ، 26، ބޮލީވުޑަށް ނުކުތް ފިލްމުގެ ދެވަނަ ބައިން އަނަންޔާ، 20، ބޮލީވުޑްގެ ދަތުރު ފަށާ އިރު، "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި އާލިއާގެ ހާއްސަ ލަވައެއް ވެސް ހިމެނެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނީތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަށް ފަހު، އަނަންޔާގެ އިތުރު ފިލްމެއް ވެސް މި އަހަރު ރިލީޒް ކުރާނެ އެވެ. އެއީ ޑިސެމްބަރު 6 ގައި ގެނެސްދޭ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެވެ.

އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ކާތިކް އާރިޔާން އާއި ބޫމީ ޕެޑްނޭކަރާ އެކީގަ އެވެ.