09 މެއި 2019 - 08:35

އަންހެނުންނަށް އާމްދަނީ ހޯދައިދޭން ހިންގާ ފުޑްކްލައުޑަށް އިންވެސްޓްކޮށް، ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރް އެ ވިޔަފާރީގައި ހިއްސާވެއްޖެ އެވެ.
ފުޑްކްލައުޑަކީ ވެދާންތު ކަނޯއީ އާއި ސާންޖީ ރާގްޖާރިއާ ހިއްސާވެގެން ފެށި ވިޔަފާރިއެކެވެ. އެތަނުން ކުރާ ކަމަކީ އަންހެނުން ގޭގައި ތިބެގެން ކައްކާ ކާނާ ކަސްޓަމަރުންނަށް ޑެލިވަރީކޮށް ދިނުމުގެ ހިދުމަތެވެ.
ފުޑްކްލައުޑްގެ މި ހިދުމަތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، އެ ކުންފުންޏާ ގުޅޭ އަންހެނުންގެ އަދަދު ވެސް އިތުރުވަމުން އަންނަ އިރު އަރުޖުން ބުނީ މި ވިޔަފާރީގައި ހިއްސާވުމަކީ އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތެއް ކަމަށެވެ.
"މިއީ ހަމައެކަނި އަންހެނުންނަށް އާމްދަނީ ހޯދައި ދޭން ކުރާ މަސައްކަތެއް ނޫން. މިއީ އާއިލާތައް ބަލަހައްޓަން ދިރިއުޅުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ފުރުސަތާ އެކު އަންހެނުންނަށް އެ މީހުންގެ ކުޅަދާނަކަމާއި ގާބިލިއްޔަތު ވެސް ތަސައްވުރުކޮށް ދޭނެ ކަމެއް،" އަރުޖުން ބުންޏެވެ. "މީގެ ސަބަބުން ދެ ޖިންސްގެ މެދުގައި އޮންނަ ފަރަގު ކުޑަވާން ވެސް އެހީއަކަށް ވާނެ."
އޭނާ ބުނި ގޮތުގައި ގޭގައި ތިބެ މަސައްކަތްކޮށްގެން އަންހެނުންނަށް އާމްދަނީއެއް ހޯދޭނެ މަގުފަހިވުމަކީ ވަރަށް ވެސް ފަހި ފުރުސަތަކަށް ވާނެ އެވެ.
އަރުޖުން ބުނީ މި ކަހަލަ ވިޔަފާރިއެއްގައި ހިއްސާވާން އެންމެ ބޮޑު ހިތްވަރެއް ލިބުނީ އޭނާ 2016 ގައި ކަރީނާ ކަޕޫރާ އެކު ކުޅުނު ފިލްމު "ކީ އެންޑް ކާ" ގެ ސަބަބުން ކަމަށެވެ. އެ ފިލްމުގައި އަރުޖުން ކުޅުނީ އަނބިމީހާ ވަޒީފާއަކަށް އޮފީހަކަށް ފޮނުވައިގެން ގެ ބަލަހައްޓަން ގޭގައި އިންނަ "ގެވެހި ފިރިއެއް" ގެ ރޯލެވެ.
ފުޑްކްލައުޑްގެ ހިއްސާއަކަށް އަރުޖުންވުމާ ގުޅިގެން ކަނޯއީ ބުނީ ޔޫތު އައިކަންއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަރުޖުން އެ މީހުންގެ ވިޔަފާރީގައި ހިއްސާވުމަކީ، ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި އެކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.