"ގައުމީ ޓީމުގެ އެޓޭކިން ޑިޕާޓްމަންޓް ހުނަރުން ފުރިފައި"
"ގައުމީ ޓީމުގެ އެޓޭކިން ޑިޕާޓްމަންޓް ހުނަރުން ފުރިފައި"

އަރުވާނެ ނާރުވާނެ ކުޅުންތެރިއެއް ނޭގޭ ވަރަށް، ގައުމީ ފުޓްބޯޅަ ޓީމުގެ އެޓޭކިން ޑިޕާޓްމަންޓުގައި ހުނަރުވެރި ކުޅުންތެރިން ގިނަ ކަމަށާއި އެކަމަކު ޓީމަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް ގައުމީ ޓީމުގެ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

"ގައުމީ ޓީމުގެ އެޓޭކިން ޑިޕާޓްމަންޓް ހުނަރުން ފުރިފައި"
"ގައުމީ ޓީމުގެ އެޓޭކިން ޑިޕާޓްމަންޓް ހުނަރުން ފުރިފައި"

އެކުވެރިކަމުގެ މެޗެއްގައި ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝް އަތުން 5-0 އިން ރާއްޖެ މޮޅުވި މެޗުގައި ކޯޗު ވަނީ އެޓޭކުގެ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން ތިން ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲގެ އިތުރުން އަރިމަތިން ކުޅޭ ހަތަރު ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު ރިޒްވާން (ރިޒޭ) އާއި އަހުމަދު އިމާޒް (އާއްކޮ) ގެ އިތުރުން ނާއިޒް ހަސަން (ދާދު) ކުޅުނެވެ. މެދުތެރެއިން އެޓޭކުގައި ބައިވެރިވާ މުހައްމަދު އުމެއިރާޢި އިސްމާއިލް (އީސާ) އަށް ވެސް ފުރުސަތު ދިނެވެ.

"އެއް ފެންވަރެއްގެ ވަރަށް ހުނަރުވެރި ގިނަ ކުޅުންތެރިން އެބަތިބި ކުރިއަށް ކުޅޭ. އަހަންނަށް ބޮލުގެ ރިހުމަކަށް ވެސް ވޭ އެ ކުޅުންތެރިންގެ ތެރެއިން ނަގާނެ ކުޅުންތެރިޔަކާ މެދު ވިސްނުމުން. އެހާ ވެސް ހުނަރުވެރި ކުޅުންތެރިން ތިބޭ. އެކަމަކު އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ފުޓްބޯޅަ ކޯޗަކަށް އަންނާނެ އެފަދަ އުނދަގޫ ދަނޑިވަޅުތައް. އެކަމާ އަހަރެން ކުރިމަތިލާ ހިތްވޭ،" ސްޓެވާޓް ބުންޏެވެ.

އެ މެޗުގައި އަސަދުﷲ ހެޓްރިކެއް ހެދިއިރު ހަމްޕު އާއި އީސަ ލަނޑު ޖެހި އެވެ. އަދި މެދުތެރެއިން އުމެއިރު މޮޅު ކުޅުމެއް ދެއްކި އިރު، ދަގަނޑޭ ވަނީ ދެ ގޯލް ޖަހަން މަގުފަހިކޮށްދީފަ އެވެ. ރިޒޭ އާއި އާއްކޮ އަށް ގޯލް ނުޖެހުނަސް، އެޓޭކުގެ އެހެން ކުޅުންތެރިންނާ އެކު ރަނގަޅު ކޮމްބިނޭޝަނެއް އޮތްކަން ދައްކައިދިނެވެ. އަދި ފުރަތަމަ ހާފުގައި އަނިޔާވެގެން ބޭލުމާ ހަމަޔަށް ދާދު ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އަރިމަތިން ރާއްޖޭގެ އެޓޭކުގައި ބައިވެރިވާ ދުވެލި ބާރު ކުޅުންތެރިޔާ އަހުމަދު ނަޝީދު (ނައްޓޭ) އަށް މި ފަހަރު ސްކޮޑުން ފުރުސަތު ނުލިބެ އެވެ.

"ނައްޓޭ އަކީ ވަރަށް ދުވެލި ބާރު އަދި ގޯލާ ރަށްޓެހި ކުޅުންތެރިއެއް. އެކަމަކު އޭނާ އަށް ވެސް ފުރުސަތު ނުލިބުމުން ދައްކައިދެނީ ސްކޮޑުގެ ވާދަވެރިކަން. އެއް ފެންވަރެއްގެ ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމަކީ ގައުމީ ޓީމުގެ މުސްތަގުބަލް އޮތްކަން ދައްކައިދޭކަމެއް،" ފުރަތަމަ ޑިވިޝަނުގެ ކޯޗަކު ބުންޏެވެ.

މިހާރު ނޫހަށް ކުރިން ދިން އިންޓަވިއުއެއްގައި ތަޖުރިބާކާރު ކުޅުންތެރިޔާ އުމެއިރު ވެސް ބުނީ ހުނަރުވެރި ޒުވާން ކުޅުންތެރިން ގިނަވުމުން ޓީމުގެ މުސްތަގުބަލް ވަރަށް އުޖާލާ ކަމަށާއި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ހުނަރުވެރި ކުޅުންތެރިން ކަމަށެވެ.

"އަޅުގަނޑުމެން ކުޅެން ފެށިއިރު 17 ވަރަކަށް އަހަރުގެ ކުޅުންތެރިޔަކު ފުރަތަމަ ޑިވިޝަނުން ވަރަށް ނުފެންނާނެ. އެކަމަކު މިހާރު ކޮންމެ ކްލަބެއްގައި 17 އަހަރާއި 18 އަހަރާއި އަދި 19 އަހަރުން ދަށުގެ ހަތަރު ވަރަކަށް ކުޅުންތެރިން ތިބޭ. އޭގެން ދައްކައިދެނީ މުސްތަގުބަލް އުޖާލާކަން. މިހާރުގެ ޒުވާން ކުޅުންތެރިން ވަރަށް ހުނަރުވެރި،" އުމެއިރު ބުންޏެވެ.

ރާއްޖެ އަކީ މުޅި ދެކުނު އޭޝިއާ އަށް ބެލި ނަމަވެސް އެންމެ ހުނަރުވެރި ފޯވާޑުން ގިނަ ގައުމެވެ. ސާފް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ގޯލް ޖެހި ޓީމަކީ ވެސް ރާއްޖެ އެވެ. އެންމެ ތަފާތު ބޮޑު ނަތީޖާތައް ވެސް ނެރުނީ ރާއްޖެ އެވެ. ގައުމީ ޓީމުގެ ކޮންމެ ޖީލެއްގައި ވެސް ގޯލާ ރަށްޓެހި ކުޅުންތެރިން ގިނަ އެވެ.