ބޮމުގެ ހަމަލާއާ ގުޅުންހުރި އެންމެން ހައްޔަރުކޮށްފި
ބޮމުގެ ހަމަލާއާ ގުޅުންހުރި އެންމެން ހައްޔަރުކޮށްފި

ކޮލަމްބޯ (މެއި 7) - ސްރީ ލަންކާގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި އެންމެން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ ވެރިޔާ ޗަންދަނާ ވިކްރަމަރަތުނަ ވިދާޅުވެއްޖެ އެވެ.

ބޮމުގެ ހަމަލާއާ ގުޅުންހުރި އެންމެން ހައްޔަރުކޮށްފި
ބޮމުގެ ހަމަލާއާ ގުޅުންހުރި އެންމެން ހައްޔަރުކޮށްފި

އޯޑިއޯ ސްޓޭޓްމަންޓެއްގައި ވިކްރަމަރަތުނަ ވިދާޅުވީ ތިން ފައްޅި އާއި ތިން ހޮޓަލަށް ދިން ހަމަލާއާ ގުޅުން ހުރި އެންމެންނާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ.

"ބޮމުގެ ހަމަލާ ރާވައި އެ ހަމަލާ ދިނުމުގައި ބައިވެރިވި އެންމެން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. ބާކީ ތިބި މީހުން ވަނީ ހަމަލާތަކުގައި މަރުވެފައި،" ވިކްރަމަރަތުނަ ވިދާޅުވި އެވެ.

ނަމަވެސް ބޮމުގެ ހަމަލާތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވެފައި ވަނީ ހަމަލާތަކާ ގުޅިގެން 73 މީހުން ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ނުވަ އަންހެނުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ވިކްރަމަރަތުނަ ވިދާޅުވީ ބޮމުގެ ހަމަލާ ދިން ގްރޫޕްގައި ހިމެނޭ ބޮމާ ބެހޭ ދެ އެކްސްޕާޓަކު މަރާލާފައިވާ ކަމަށެވެ. އަދި އިތުރު ހަމަލާތައް ދިނުމަށް އެ މީހުން ފޮރުވާފައި ހުރި ހުރިހާ ގޮވާތަކެއްޗެއް ހިފަހައްޓާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަލާދިން އިރު ފުލުހުންގެ ވެރިއަކަށް ހުރި މީހާ ވަކިކޮށް އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ހަމަޖެއްސެވި ވިކްރަމަރަތުނަ ވިދާޅުވީ ބޮމުގެ ހަމަލާތަކަށް ފަހު ހިންގި ކާފިއު ނިމުމަކަށް ގެނައުމާ އެކު ލަންކާގެ އާއްމު ހާލަތު ހަމައަކަށް އެޅެމުން އަންނަ ކަމަށެވެ. ލަންކާގެ ސްކޫލްތައް ވެސް އިއްޔެ ވަނީ ހުޅުވައިފަ އެވެ. ނަމަވެސް ބެލެނިވެރިންގެ ހިތުގައި ބިރުވެރިކަން އޮތް މިންވަރުން ގިނަ ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. ބައެއް ސްކޫލްތަކުގެ އެޓެންޑެންސް ވަނީ 10 ޕަސެންޓަށް ވެއްޓިފަ އެވެ.

"ހުރިހާ ސްކޫލެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި. ސްކޫލްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުން މިދަނީ،" ވިކްރަމަރަތުނަ ވިދާޅުވި އެވެ.