03 ސެޕްޓެމްބަރ 2016 - 08:30

މެންޗެސްޓާ (ސެޕްޓެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލާނެ ކަމަށް ބެލެވުނު ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާގެ ނަން އެ ކްލަބުގެ ޕްރިމިއާ ލީގު ސްކޮޑުގައި ހިމަނައިފި އެވެ.
އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ އަށް ކުރިމަގެއް ނެތް ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވާތީ ބެލެވިފައި އޮތީ އޭނާ ކްލަބް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ޓްރާންސްފާ ބާޒާރު ނިމުނުއިރު ވެސް އޭނާ، ކްލަބް ބަދަލުކޮށްފައެއް ނުވެ އެވެ.
ޔުނައިޓެޑާ މިދިޔަ އަހަރު ގުޅުނު ޝްވެއިންސްޓެއިގާ އަށް އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު މޮރީނިއޯ ހަވާލުވި ފަހުން އޭނާ ފަރިތަކުރަމުން އައީ 23 އަހަރުން ދަށުގެ ސްކޮޑާ އެކު އެވެ.
މޮރީނިއޯ ބުނީ، އެ މަގާމަށް ކުޅެން ފަސް ކުޅުންތެރިން ތިބުމުން، ޝްވެއިންސްޓެއިގާ އަށް ފުރުސަތު ލިބުން ދުރު ކަމަށެވެ. އެކަމަކު ޝްވެއިންސްޓެއިގާ ބުނީ، ކްލަބުން ބޭނުންވެއްޖެ ނަމަ އޭނާ ހުންނަނީ ހިދުމަތްކުރަން ތައްޔާރަށް ކަމަށެވެ.
ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ބަޔާން މިއުނިކާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.