"ގޭމް އޮފް ތުރޯންސް" ގައި ސްޓާބަކްސްގެ ކޮފީ ތައްޓެއް ފެނުމުން ޖޯކު ޖަހަނީ
"ގޭމް އޮފް ތުރޯންސް" ގައި ސްޓާބަކްސްގެ ކޮފީ ތައްޓެއް ފެނުމުން ޖޯކު ޖަހަނީ

އެޗްބީއޯ އިން މިހާރު ދައްކާ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ފަހު ސީޒަންގައި އެންމެ ފަހުން ގެނެސްދިން އެޕިސޯޑްގެ މަންޒަރެއްގައި ސްޓާބަކްސްގެ ކޮފީ ތައްޓެއް ފެނުމާ ގުޅިގެން އެތައް ބައެއްގެ މަލާމާތް ރައްދުވެއްޖެ އެވެ.

ފަހު ސީޒަނުގައި ހިމެނޭ ހަ އެޕިސޯޑްގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު ދެއްކި ހަތަރު ވަނަ އެޕިސޯޑް "ދަ ލާސްޓް އޮފް ސްޓާކްސް" ގެ މަންޒަރެއްގައި އެމީލިއާ ކްލާކް ކުޅޭ ޑަނޭރެސް ޓަގޭރިއަން މޭޒެއްގައި ކައިރީގައި އިށީނދެގެން އިންނަ އިރު އޭނާގެ ކުރިމަތީގައި ސްޓާބަކްސްގެ ކޮފީ ތަށި ވަރަށް ރީތިކޮށް ފެންނަން ހުރެ އެވެ.

އެކަމަކު މިއީ ވަނަ 20 ވަނަ ގަރުނުގައި ސްޓާބަކްސް ވުޖޫދަށް އައުމުގެ އެތަކެއް ހާސް އަހަރެއް ކުރިން ހިނގާ ހާދިސާތަކެއް ކިޔައިދޭ ސިލްސިލާއަކަށްވާތީ "ގޭމް އޮސް ތުރޯންސް" ގެ މަންޒަރަކުން ސްޓާބަކްސްގެ ކޮފީ ތައްޓެއް ފެނުމަކީ ވަރަށް ވެސް ބޮޑު ޖޯކެކެވެ.

މިކަން ދުނިޔޭގެ ބޮޑެތި މީޑިއާތައް ކަމަށްވާ ސީއެންއެން ކަހަލަ ތަންތަނުން ވެސް ވަރަށް ބޮޑު ކަމަކަށް ހަދައިގެން ހަބަރުތައް ގެނެސް ދީފައިވެ އެވެ. މިކަމާ ގުޅިގެން ސްޓާބަކްސް އިން ވަނީ "ޖެއްސުމުގެ" ޓްވީޓެއްކޮށްފަ އެވެ.

މިކަމާ ގުޅިގެން "ގޭމް އޮފް ތުރޯންސް" އެކްޒެކެޓިވް ޕްރޮޑިއުސަރު ބާނީ ކޯލްފީލްޑް ސީއެންއެން ދިން އިންޓަވިއެއްގައި ވަނީ އެއީ ރަނގަޅަށް ސަމާލުކަން ނުދެވުމުން ހެދިފައި އިން "ސިމްޕަލް" މިސްޓޭ ކަމަށް ބުނެ މާފަށް އެދިފަ އެވެ. އަދި އެޗްބީއޯ އިން ވެސް ވަނީ ހެދުނު ގޯހަށް އެއްބަސްވެފަ އެވެ.

އެތަނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ "ޑަނޭރެސް އޯޑަރު ކުރީ ކޮފީއަކަށް ނޫން" ކަމަށާއި "ހާބަލް ޓީއަކަށް" ކަމަށެވެ.

ޓީވީ އުފެއްދުންތަކަށް އިންގިލާބެއް ގެނައި އަދި ބެލުންތެރިން އޭގެ ޖާދޫގައި ވަރަށް ބޮޑަށް ޖެއްސުވި "ގޭމް ތުރޯންސް" އަށް މި މަހުގެ 19 ގައި ނިންމައިލާނެ އެވެ. ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި ސިލްސިލާގެ ފަހު ސީޒަން ދައްކަން ފެށީ މިދިޔަ މަހުގެ 14 ގަ އެވެ.

މިއީ މިހާތަނަށް ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ސިލްސިލާއެކެވެ.