07 މެއި 2019 - 11:56

ވޮޝިންޓަން (މެއި 7) - އީރާނަށް އިންޒާރު ދިނުމުގެ ގޮތުން މަތިންދާ ބޯޓު އުފުލާ މަނަވަރެއް މެދުއިރުމައްޗަށް އެމެރިކާ އިން ފޮނުވަން ނިންމައިފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވީ އެމެރިކާ އިން މަނަވަރެއް ފޮނުވަން ޖެހުނީ އީރާނުން "އުނދަގޫވާ ފަދަ" އެތައް ކަމެއްކޮށް އިންޒާރުތައް ލިބެން ފެށުމުން ކަމަށެވެ. ބޯލްޓަން ވިދާޅުވީ އެއްވެސް ހަމަލާއެއް އަތުވެއްޖެ ނަމަ އެމެރިކާ އިން ރައްދު ދޭނެ ކަމަށެވެ.
"އެމެރިކާގެ ޔޫއެސްއެސް އަބްރަހަމް ލިންކޮން ކެރިއާ ސްޓްރައިކް ގްރޫޕާއި ބޮން އަޅާ ބޯޓުތައް ޔޫއެސް ސެންޓްރަލް ކޮމާންޑް ސަރަހައްދަށް ފޮނުވަނީ އެމެރިކާ އާއި އެ ގައުމާ ގުޅިފައިވާ ބައިވެރިއަކަށް ހަމަލާއެއް ދީފި ނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ ސާފު މެސެޖެއް އީރާނަށް ދިިނުމުގެ ގޮތުން،" ބޯލްޓަން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާ ވިދާޅުވީ އީރާނާ ހަނގުރާމަ ކުރަން އެމެރިކާ އިން ނޫޅޭ ކަމަށާއި އެކަމަކު އީރާނުން އަންނަ ކޮންމެ ހަމަލާއަކަށް ރައްދު ދޭން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.
ޔޫރަޕުގައި ހަނގުރާމައިގެ ފަރިތަކުރުންތަކެއްގައި މިހާރު ބައިވެރިވަމުންދާ ހަނގުރާމަ މަތީ މަނަވަރާއި ބެޓްލް ގްރޫޕް މެދުއިރުމައްޗަށް ފޮނުވާ އިރު އެމެރިކާ އާއި އީރާނާ ދެމެދު ފަހަކަށް އައިސް ވަނީ މައްސަލަ ގޯސްވެފަ އެވެ.
ޔޫރަޕަށް ކުރައްވާ ދަތުރެއްގައި އުޅުއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އީރާނުންގެ ފަރާތުން ނުރަނގަޅު އަމަލުތަކެއް ފެންނަމުންދާ ކަމަށާއި އެމެރިކާ އަށް ހަމަލާއެއް ދީފިނަމަ އީރާން ޒިންމާދާރު ކުރެވޭވަރުގެ ހަމަލާތަކެއް ދޭނެ ކަމަށެވެ. އެކަމަކު އީރާނުގެ ފަރާތުން ފެންނަމުންދަނީ ކޮން ބާވަތެއްގެ އަމަލުތަކެއް ކަމެއް ޕޮމްޕެއޯ ވިދާޅެއް ނުވެ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން 2015 ވަނަ އަހަރު އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން މިދިޔަ އަހަރު އެމެރިކާ ވަނީ ވަކިވެފަ އެވެ. އަދި އީރާނާ ދެކޮޅަށް އަލުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
އަނެއްކޮޅުން އެމެރިކާ އިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޮޕްސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފަ އެވެ. އީރާނުން ވެސް ވަނީ މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފަ އެވެ.
އީރާނުން ދާދި ފަހުން ވަނީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ނަމަ ހޮރްމޫޒް ކަނޑޮއޮޅި ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. ދުނިޔޭގައި ބޭނުން ކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ގެންދަނީ މި ކަނޑޮއޮޅިންނެވެ.