03 ސެޕްޓެމްބަރ 2016 - 08:34

ލަންޑަން (ސެޕްޓެމްބަރު 3) - އިންގްލިޝް ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗާއި އިތުރު ދެ މެޗަށް މެންޗެސްޓާ ސިޓީގެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
އަގުއޭރޯ ސަސްޕެންޑްކުރަން ނިންމީ މިދިޔަ އާދިއްތަ ދުވަހު ވެސްޓް ހޭމް އަތުން މޮޅުވި މެޗުގައި އެ ޓީމުގެ ވިންސްޓަން ރީޑަށް އުޅަބޮށިން ހަމަލާދިނުމުންނެވެ. އެ މަންޒަރު މެޗުގެ ރެފްރީ އަށް ނުފެނުނު ނަމަވެސް ޓީވީ ރީޕްލޭ އަށް ބަލާފައި އެފްއޭ އިން ވަނީ އަގުއޭރޯ އަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
މި މައްސަލަ އަގުއޭރޯ ވަނީ އެޕީލްކޮށްފަ އެވެ. އެހެން ނަމަވެސް ކާމިޔާބެއްނުވި އެވެ. މި ސަސްޕެންޝަންގެ ސަބަބުން، މި ސީޒަނުގައި މިހާތަނަށް ހަ ލަނޑު ޖަހާފައިވާ އަގުއޭރޯ އަށް ޔުނައިޓެޑް މެޗުގެ އިތުރުން މި މަހު 17 ވަނަ ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗާއި ލީގު ކަޕް ތިން ވަނަ ބުރުގައި ސްވަންސީ ސިޓީއާ ބައްދަލުކުރާ މެޗު ގެއްލޭނެ އެވެ.
އަގުއޭރޯ އަށް އެނބުރި ކުޅުމަށް އާދެވޭނީ މި މަހު 24 ވަނަ ދުވަހު ސްވަންސީއާ ދެކޮޅަށް ލީގުގައި ކުޅޭ މެޗުގަ އެވެ.
އަގުއޭރޯ އަކީ ފާއިތުވި އަހަރުތަކުގައި ޔުނައިޓެޑާ ދެކޮޅަށް ސިޓީން ކުޅުނު މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހާފައިވާ ކުޅުންތެރިއެކެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަގުއޭރޯ އަކީ މުހިއްމު ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް އެންމެ ކުޅުންތެރިޔަކު ނެތުމަކީ މާބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.