07 މެއި 2019 - 12:12

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނު 9:30 ގައި އެ މަސައްކަތް ފެށި ކަމަށެވެ. އަދި ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 1:00 އާ ހަމައަށް ޒަކާތް ބަލައިގަތުން ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު ހެނދުނު ވެސް މީހުން އައިސް ތިބި ޒަކާތް ދައްކަން ވެގެން. އެކަންތައް ހަމަ ކުރިއަށް އެބަ ދޭ،" އަފްރާހު ވިދާޅުވި އެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. މާލޭގައި އުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ހުޅުމާލޭގައި އުޅޭ މީހުން ކޮމިއުނިޓީ ސެންޓަރަށް ޒަކާތް ދައްކަން ޖެހޭ އިރު ވިލިމާލޭގައި އުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓަށެވެ. ރަށްރަށުގައި އުޅޭ މީހުންގެ ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.
- އާދައިގެ ހަނޑުލުން 15ރ.
- ތައިލެންޑް ހުދު ހަނޑުލުން 45ރ.
- ބާސްމަތީ ހަނޑުލުން 95ރ.
- ރަތް ހަނޑުލުން 75ރ.
- އާދައިގެ ފުށުން 15ރ.
- އާޓާ ފުށުން 60ރ.
އެހެން ހިސާބުތަކުން ޒަކާތުގެ ގޮތުގައި ނަގާނެ މިންވަރު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ވެސް އަފްރާހު ވިދާޅުވި އެވެ. އެއީ އެ ރަށެއްގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު މާލޭގައި ވިއްކާ އަގާ ތަފާތުވުން އެކަށީގެންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.