ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޮސްވާލްޑޯ މިއުޒިކީ ދުނިޔެއަށް
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޮސްވާލްޑޯ މިއުޒިކީ ދުނިޔެއަށް

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ގިނަ ކުޅުންތެރިން ބޭނުންވަނީ ކޯޗިންގެ ތެރެއަށް ނޫނީ ފުޓްބޯޅަ ހިންގުމުގެ ތެރެއަށް ވަންނާށެވެ. އެކަމަކު އާޖެންޓީނާ އަށް އުފަން އިޓަލީގެ ކުރީގެ ފޯވާޑް ޕަބްލޯ ޑެނިއަލް އޮސްވާލްޑޯ މިހާރު ވަނީ އުމުރުން 30 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށް އޭނާގެ ބޭންޑާ އެކު މިއުޒިކީ ދުނިޔެ އަށް ހުސްވެފަ އެވެ.

އެގާރަ އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި އޮސްވާލްޑޯ ވަނީ 13 ކްލަބަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތެމްޓަނާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އަދި ރޯމާ ހިމެނެ އެވެ. މީގެ އިތުރުން ޕޯޗުގަލްގެ ޕޯޓޯ އާއި ސްޕެއިނުގެ އެސްޕަންޔޯލަށް ވެސް ކުޅުނެވެ.

މައްސަލަ ބޮޑު ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަވެފައިވާ އޮސްވާލްޑޯ އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ ޖެނުއަރީ މަހާ ހަމައަށް އާޖެންޓީނާގެ ބޮކަ ޖޫނިއާސް އަށެވެ. އެ ޓީމުން އޭނާގެ ކޮންޓްރެކްޓް ބާތިލްކުރީ ހާފް ޓައިމްގައި ޗޭންޖިން ރޫމްގައި ދުންފަތުގެ އިސްތިއުމާލުކުރުމުންނެވެ.

ރޯމާ އިން 2011 ވަނަ އަހަރު އޭނާ ދޫކޮށްލީ އެ ޓީމުގެ ކޯޗު އައުރޭލިއޯ އަންދްރެއަޒޯލީއާ މައްސަލަ ޖެހިގެންނެވެ. އަންދްރެއަޒޯލީއާ މައްސަލަ ޖެހުނީ ކޮޕަ އިޓަލިއާ ފައިނަލުގައި އޮސްވާލްޑޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދީ މެޗުގެ ފަހު 15 މިނިޓްގައި އޭނާ ބޭނުންކުރުމުންނެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު އިޓަލީގެ ކިއޭވޯ އިން ވަނީ އަހަރަކު 2.1 މިލިއަން ޕައުންޑް ލިބޭ ދެ އަހަރުގެ ކޮންޓްރެކްޓެއް އޮސްވާލްޑޯ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އޮސްވާލްޑޯ ބުނީ އޭނާ ބޭނުންވަނީ އޭނާގެ މިއުޒިކް ބޭންޑާ އެކު ކުރިއަށްދާން ކަމަށެވެ.

އޮސްވާލްޑޯ ވަނީ 2011 އިން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިޓަލީ އަށް ކުޅެ 14 މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ.