08 މެއި 2019 - 08:25

ޕާކިސްތާނުގައި ދިރިއުޅޭ 32 އަހަރުގެ މުހައްމަދު ފައްޔާޒަކީ ޕޮޕްކޯން ވިއްކުމުގެ އާދައިގެ ވިޔަފާރިއެއްކޮށްގެން ދިރިއުޅޭ މީހެކެކެވެ. އެކަމަކު އޭނާ އެންމެ ބޭނުންވީ ކިޔަވައިގެން އެ ގައުމުގެ އެއާ ފޯސްއާ ގުޅޭށެވެ. އެ ހުވަފެނުގައި ހުއްޓައި ވަރަށް ކުޑައިރު ބައްޕަ ނިޔާވުމުން ކިޔެވުން ހުއްޓާލައި، ނުކުންނަން ޖެހުނީ މަސައްކަތުގެ މައިދާނަށެވެ.

އޭގެ ފަހުން އޭނާ ކުރާ ކަމަކީ ޕޮޕްކޯން ވިއްކުމެވެ.

އެހެން ވިޔަސް އެންމެ ކުރިއްސުރެ ވެސް ވައިގެ ތެރޭގައި އުދުހުމަށް ދެކެމުން އައި ހުވަފެން ފައްޔާޒު ދޫކޮށެއް ނުލަ އެވެ. އޭގެ ނަތީޖާއަކީ މަތިންދާބޯޓަކަށް އަރައި ބޯޓެއް ދުއްވައިލުމުގެ ނަސީބު ނުލިބަސް، އަމިއްލަ އަށް ބޯޓެއް ހެދުމެވެ.
ޕޮޕްކޯން ވިއްކައިގެން ލިބުނު އާމްދަނީން ކުޑަވަރެއްގެ ލޯނެއް ވެސް ދެއްކޭވަރުގެ ގާބިލުކަން ހުރުމާ އެކު މަތިންދާބޯޓެއް އީޖާކުރުމުގެ މަގުސަދުގައި މައިކްރޯ-ފައިނޭންސް އެންޖީއޯއަކުން 50،000 ރުޕީސް (350 ޑޮލަރު) ގެ ލޯނެއް ނަގައިގެން އޭނާ ފެށީ ބޯޓެއް ބަނުމުގެ މަސައްކަތެތެވެ.
އެއަށް ބޭނުންވާ އެކި އާލާތްތައް ހޯދައިގެން "ފާޑެއްގެ" ބޯޓެއް ތައްޔާރުކޮށްފި އެވެ. އޭގައި މުޅިން ވެސް ބޭނުންކޮށްފައި ހުރީ އާދައިގެ ތަކެއްޗެވެ. ބޯޓުގެ އޮނިގަނޑު ދަގަނޑުން ހަދައި ފިޔަގަނޑު ގޯންޏާއި ޓިނު ބޭނުންކޮށްގެން ހަދާފައިވާ އިރު، ފުރޮޅުތަކަކީ ރިކްޝާއެއްގެ އެއްޗިއްސެވެ. އިންޖީނު ހަދާފައި ހުރީ ރޯޑްކަޓާއަކުންނެވެވެ.
މި ބޯޓް ހަދައިގެން ފައްޔާޒް ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓެސްޓް ދަތުރު ވެސްކޮށްފަ އެވެ. އެކަން ކުރީ އޭނާ ދިރިއުޅޭ ތަބޫރް އަވަށުގެ މަގެއް ބަންދުކޮށް، ރަންވޭއެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ޓެސްޓް ދަތުރުގައި ފައްޔާޒު ވަނީ ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް އުދުހިފަ އެވެ.
މި ވާހަކަ އޭއެފްޕީއާ ހިއްސާ ކުރަމުން ފައްޔާޒު ބުނި ގޮތުގައި މަތިންދާ ބޯޓެއް ހެދުމުގެ ވިސްނުން އޭނާގެ ސިކުނޑިން ނެރުނީ ނެޝަނަލް ޖިއޯގްރަފިކް ޗެނެލުން ގެނެސްދޭ "އެއާ ކްރޭޝް އިންވެސްޓިގޭޝަން" ޝޯ އާއި އިންޓަނެޓުން ހޯދި މައުލޫމާތުންނެވެ. އަދި ބޯޓްގެ މަސައްކަތް ނިންމައިލަން ދެ އަހަރު ދުވަސް ނެގި އެވެ.
"އަމިއްލަ އަށް ހެދި ބޯޓުގައި އުދުހެވުމަކީ ވަރަށް ބޮޑު އުފަލެއް،" ފައްޔާޒު ބުންޏެވެ.
ބަލައިލަން އަންނަ މީހުންނަށް ދައްކައިލަން ގޭގެ ގޯތިތެރޭގައި މި ވަގުތު ބާއްވާފައި އޮތް ބޯޓުގެ މަސައްކަތް ކާމިޔާބު ވިޔަސް، އޭނާ އަށް ހުރި ގޮންޖެހުންތައް ބޮޑެވެ. އެގޮތުން ރަސްމީކޮށް ބޯޓު ދައްކައިލަން، މާޗް 23 ގައި ފާހަގަ ކުރާ ޕާކިސްތާން ޑޭގައި ބޭއްވި ހަރަކާތުގެ ތެރޭގައި ފުލުހުން ވަނީ އުދުހުން ހުއްޓުވައި، ފައްޔާޒު ހައްޔަރުކޮށްފަ އެވެ. މައްސަލައަކަށްވީ ޕައިލެޓްކަމުގެ ލައިންސަންސް ނެތި އުދުހުމެވެ.
ފުލުހުން އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުން 3،000 ރުޕީސް (19 ޑޮލަރު) ދެއްކުމުންނެވެ.
"އެއީ ވަރަށް ހިތްދަތިވި ދުވަހެއް. ބޮޑެތި ކުށްވެރިންގެ ތެރޭގައި އަހަރެން ބަންދުކުރީ ބޮޑު ކުށެއްކޮށްގެން ކަކަހަލަ ގޮތަކަށް،" ފައްޔާޒް ބުންޏެވެ.
އެކަމަކު ފަހުން ޕާކިސްތާނުގެ އެއާ ފޯސް އިން ވަނީ ދެ ފަހަރެއްގެ މަތިން އޭނާގެ ބޯޓު މޮނިޓާކުރަން ޒިޔާރަތްކޮށް، ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސެޓްފިކެޓެއް ވެސް ދީފަ އެވެ. ނަމަވެސް ރަސްމީކޮށް އުދުހޭ ނަމަ، ފައްޔާޒަށް އޮތް ގޮތަކީ ޕައިލެޓަކަށް ވާން ތަމްރީނު ހެދުމެވެ.
އޭނާގެ ސުވާލަކީ ޕޮޕްކޯން ވިއްކައިގެން ލިބޭ އާމްދަނީން އެ ވަރުގެ ކަމެއް ކުރެވޭނެތޯ އެވެ؟