10 މެއި 2019 - 08:57

ދެހާސް ސަތަރާގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ހިނގި އެއް ފިލްމު ކަމަށްވާ އަޔޫޝްމަން ކުރާނާގެ "ޝުބް މަންގަލް ސާވްދާން" ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ ސެޕްޓެމްބަރުގައި ފަށަން ނިންމާފައިވާ އިރު، ފިލްމަށް މި ފަހަރު ދީފައިވާ ނަމަކީ "ޝުބް މަންގަލް ޒާދާ ސާވްދާން" އެވެ.
އާރްއެސް ޕްރައްސަނާ ޑައިރެކްޓް ކުރި "ޝުބް މަންގަލް ސާވްދާން" އަކީ ޖިންސީ ބަލިކަށިކަން ހުންނަ ފިރިހިނެއްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. އެ ފިލްމުގައި އަޔޫޝްމަންއާ އެކު ބަތަލާގެ ރޯލް ކުޅުނީ ބޫމީ ޕެޑްނޭކަރެވެ.
ނަމަވެސް ފިލްމުގެ ދެވަނަ ބައި ވެސް ފިރިހެނެއްގެ މައްސަލައަކަށް ބިނާކޮށް ހަދާ އިރު، މި ފަހަރު ކާސްޓްގައި ބޫމީ ނުހިމެނޭނެ އެވެ. އަދި އަޔޫޝްމަންއާ އެކު "ޝުބް މަންގަލް ޒާދާ ސާވްދާން" ގައި އެންމެ މުހިއްމު ރޯލެއް ކުޅޭނީ ދިވްޔެންޑޫ ޝަރުމާ އެވެ.
ފިލްމުގެ ޑައިރެކްޝަނާ މި ފަހަރު ހަވާލުވެފައި ވަނީ ހިތޭޝް ކެވަލިޔާ އެވެ.
ފަންސަވީސް ކްރޯޑްގެ ބަޖެޓަކުން ހެދި "ޝުބް މަންގަލް ސާވްދާން" އަކީ ބޮކްސް އޮފީހުގައި 65 ކްރޯޑް ރުޕީސް (9،367،800 ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.