އުމުރާ ނުގުޅޭ ރޯލްތައް ކުޅޭ ހިތެއް ނުވޭ: އަޖޭ ދޭވްގަން
އުމުރާ ނުގުޅޭ ރޯލްތައް ކުޅޭ ހިތެއް ނުވޭ: އަޖޭ ދޭވްގަން

އުމުރާ ނުގުޅޭ ރޯލްތައް ކުޅެން މިހާރު ގަޔާނުވާ ކަމަށާއި އެއީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށް އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި މި އަހަރު 50 އަހަރު ފުރުނު އަޖޭ ބުނީ ސްކްރީނުގައި 30 އާއި 35 އަހަރުގެ މީހެއްގެ ރޯލް ކުޅެން މިހާރު އޭނާ އެހާ ބޭނުން ވެސް ނުވާ ކަމަށެވެ. އަދި އުމުރާ ގުޅޭ ކަހަލަ ރޯލްތައް ލިބުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ބުންޏެވެ.

އެގޮތުން މި މަހުގެ 17 ގައި ރިލީޒްކުރާ "ދޭ ދޭ ޕިޔާރު ދޭ" އަކީ ވެސް އަޖޭގެ އަސްލު އުމުރު ދައްކުވައިދޭ ފިލްމެއްކަން އޭނާ ފާހަގަކުރި އެވެ. އެ ފިލްމުގައި އޭނާ ކުޅެފައި ވަނީ ބޮޑެތި ދަރިންތަކެއް ތިއްބައި، ޒުވާން އަންހެނަކާ ލޯބީގެ ގުޅުމެއް ބާއްވާ މީހެއްގެ ރޯލެވެ.

"އަހަރެން ވަރަށް އުފާކުރަން އުމުރާ ގުޅޭ އެކަހަލަ ރޯލްތައް ކުޅެން ލިބޭތީ. އަހަރެން ދެކޭ ގޮތުގައި އުމުރުން ދުވަސްވެފައި ތިބީ އެކްޓަރުން ވިއްސާއި ތިރީހުގެ އުމުރުތަކުގައި ފިލްމުތަކުން ދައްކަން މަސައްކަތް ކުރިޔަސް އެ މީހުންގެ އަސްލު އުމުރެއް ނުފޮރުވޭނެ،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބެލުންތެރިން ފިލްމުތައް ބަލައިގަންނަ ގޮތް މިހާރު ތަފާތުވެފައިވާ އިރު ހަދާ ފިލްމުތަކުގެ ކޮންޓެންޓަށް ވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެހެންވެ މިހާރު ކުރިއަށް ބުރެ ބޮޑަށް އެކްޓަރުންނަށް އެކި ރޯލްތައް ކުޅެން ފުރުސަތުތައް ހުރި ކަމަށް ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި އުމުރުން ދުވަސްވުމަކުން ފުރުސަތު ލިބޭ މިންވަރު ދަށެއް ވެސް ނުވޭ. އަހަރެމެންގެ ޖެނެރޭޝަނަށް ނިސްބަތްވާ އެކްޓަރުންނާ ގުޅޭ ކަހަލަ ކެެރެކްޓާތައް ކުޅެން ވެސް ލިބޭ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަޖޭ ބުންޏެވެ. "އެހެންވެ އަހަރެން ބޭނުމެއް ނުވޭ އެހާއެހާ ޒުވާން އުމުރުގެ މީހެއްގެ ގޮތުގައި ދައްކުވައިދޭ ރޯލްތައް ކުޅޭކަށް. އަހަރެންގެ އުމުރު އަހަންނަށް އެއްވެސް ގޮތަކުން މައްސަލައަކަށް ނުވޭ."

އަޖޭ އަކީ މިހާރު ވެސް ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ގިނައިން މަސައްކަތްކުރާ އެއް އެކްޓަރެވެ. އޭނާގެ އަތުގައި މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ.

އޭގެ ތެރޭގައި "ތާނަޖީ: ދި އަންސަންގް ވޮރިއާ"، "ބޫޖް" ޕްރައިޑް އޮފް އިންޑިއާ" އަދި ނަން އިއުލާންކޮށްފައި ނުވާ ޕްރޮޖެކްޓްތަކެއް ވެސް ހިމެނެ އެވެ.

"އަހަރެން ވަރަށް އުފާކުރަން މިހާރުގެ ޒުވާން އެކްޓަރުން ދައްކަމުން އަންނަ ހުނަރާއި އެ މީހުން ކުޅެމުން އަންނަ ފިލްމުތަކާ ދޭތެރޭ،" ބަތަލާ ކާޖޮލްގެ ފިރިމީހާ ބުންޏެވެ. "އެގޮތުން ވަރުން ދަވަން އާއި ރަންވީރު ސިންގާއި އަޔޫޝްމަން ކުރާނާ ރަންބީރު ކަޕޫރް، ވިކީ ކޯޝަލް، ޓައިގާ ޝްރޮފް އަދި ރާޖްކުމާރު ރާއޯ ފަދަ ތަރިން އަންނަނީ ވަރަށް ވެސް އާދަޔާހިލާފު އަދި ތައުރީފު ހައްގު މަސައްކަތެއް ކުރަމުން."

އޭނާ ބުނީ ޒުވާން އެކްޓަރުން ހޯދަމުން އަންނަ ކުރިއެރުމާއި ކާމިޔާބިތައް ބޮޑު ނަމަވެސް، ދުވަސްވީ އެކްޓަރުންނަށް މާ ބޮޑު ވާދަވެރި ކަމެއް ނެތް ކަމަށެވެ.