07 މެއި 2019 - 09:30

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލްގެ އަލަތު ދަރިކަލުން ލިބިވައިގެންފި އެވެ.
ކައިވެންޏަށް އަހަރެއް ވާން ކައިރިވެފައި ވަނިކޮށް މޭގަން އިއްޔެ ލިބިވަޑައިގަތީ ފިރިހެން ބޭފުޅެކެވެ. ހެރީ އާއި މޭގަންގެ އިންސްޓަގްރާމް އެކައުންޓް، ސަސެކްސް ރޯޔަލް އާއި ކެންސިންޓަން ޕެލެސްގެ ޓްވިޓާގައި މި ވާހަކަ ހިއްސާކޮށްފައިވެ އެވެ. އަދި މޭގަން އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ.
ބައްޕައަކަށް ވުމުން ހެރީ ވިދާޅުވީ މިއީ ވަރަށް ވެސް އުފާވެރި ވަގުތެއް ކަމަށާއި މުޅި އާއިލާ އަށް ހާއްސަ އުފާވެރި ކަމެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް އުފަލުގެ ގޮތުގައި ސިފަ ކުރައްވާފައިވެ އެވެ.
ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ދެ ކަނބަލުންނަށް ދަރިއަކު ލިބިވަޑައިގަންނަވާކަން ޝާހީ އާއިލާ އިން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ޕްރިންސް ހެރީ އަކީ އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުންނެވެ. ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް 2011 ގައި ކޭޓް މިޑްލްޓަންއާ ކައިވެނި ބައްލަވައިގެންފައިވާ އިރު، ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.
ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނލުންގެ ނަން އިއުލާން ކުރައްވާނެ ވަގުތަކަށެވެ. ކިޔާނެ ނަމަކާ ބެހޭ ގޮތުން މީޑިއާތަކުގައި ވެސް ބޮޑެތި ބަހުސްތަކެއް ކުރެވިފައިވެ އެވެ.