07 މެއި 2019 - 02:32

މެންޗެސްޓާ )މެއި 7) – ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވައްދާލި ހަމައެކަނި ލަނޑާ އެކު ލެސްޓާ ސިޓީ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފަހު މެޗުން ބްރައިޓަން އަތުން މޮޅުވެގެން ސިޓީ އަށް، 10 އަހަރުގެ ތެރޭ އިނގިރޭސި ލީގު ދިފާއުކުރާ ފުރަތަމަ ޓީމުގެ ޝަރަފް ލިބޭނެ އެވެ. ނުވަތަ އެރޭ ވުލްވްސް އަތުން ލިވަޕޫލަށް މޮޅުނުވެވިއްޖެ ނަމަ، ސިޓީ ކުޅޭ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެ ޓީމަށް ލީގު ކަށަވަރުވާނެ އެވެ. ލިވަޕޫލަށް ލީގު ލިބެން އޮތީ ވުލްސް އަތުން މޮޅުވެ އަދި ބްރައިޓަން އަތުން ސިޓީ އަށް މޮޅުނުވެވިއްޖެ ނަމަ އެވެ.
މިރޭގެ މޮޅާ އެކު ސިޓީ އެއް ވަނަ އަށް ޖެހިލީ 95 ޕޮއިންޓާ އެކު އެވެ. ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެ ވަގުތީ ގޮތުން އެއް ވަނަ އަށް އެރި ލިވަޕޫލް މިހާރު ދެ ވަނައިގައި އޮތީ 94 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ފައިދާ 69 ގޯލްއިރު ލިވަޕޫލަށް އޮތީ 65 ގޯލެވެ.
މެޗު ފަށައިގެން ސިޓީ އަށް އިތުބާރާ އެކު ކުޅެގަންނަ ދަތިވި އެވެ. އެކަމަކު މެޗު ކުރިއަށް ދިޔަވަރަކަށް ހަމަޔަކަށް އެޅި ސާޖިއޯ އަގުއޭރޯ، ޑޭވިޑް ސިލްވާ އަދި ބެނާޑޯ ސިލްވާ ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލި އެވެ.
ލިވަޕޫލުގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް ހަވާލުވެ ލެސްޓާ އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނާތީ މެޗުގެ ފަހު ބަޔަކަށް އެޅުނު އިރު ބެލެވިފައި އޮތީ އެ ޓީމުން ސިޓީ ހިފަހައްޓާނެ ކަމަށެވެ. އެކަމަކު މެޗުގެ 70 ވަނަ މިނެޓުގައި ސިޓީ މަންޒަރު ބަދަލުކޮށްލި އެވެ. ކެޕްޓަން އަދި ސެންޓްރަލް ޑިފެންޑަރު ކޮމްޕެނީ އޭރިއާ ބޭރުން ފޮނުވާލި ޝޮޓް ގޯލުގެ މަތީ ކަނަށް ވައްދާލައި ކުރި ހޯދައިދިނެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭ ލެސްޓާގެ ކެލެޗީ އިހެނާޗޯ އަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ކުރީގެ ކްލަބް ކޮޅަށް ލަނޑު ޖަހަން، ގޯލް ކުރިމަތިން ހުހަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ކާމިޔާބެއް ނުކުރެވުނެވެ.