06 މެއި 2019 - 15:17

ތެހެރާން (މެއި 6) - އީރާނުގެ ރައީސް ހަސަން ރޫހާނީގެ ކޮއްކޮ، ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާން ތެހެރާންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ރައީސް ހަސަން ރޫހާނީގެ ސަޕޯޓަރުން ބުނާ ގޮތުގައި މިއީ ސިޔާސީ ގޮތުން ކުރި ހުކުމެއް ކަމަށެވެ. އަދި މިއީ ރައީސް ރޫހާނީގެ އަގު ވައްޓާލަން އެ ގައުމުގެ ޖޫޑިޝަރީން ކުރި ކަމެއް ކަމަށް ވެސް ބައެއް ފަރަތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
ރައީސް ރޫހާނީއާ ވެސް ގާތް ގުޅުމެއް އޮންނަ ހުސައިން ފަރީދޫން ވިދާޅުވީ އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ.
ފަރީދޫންގެ ޝަރީއަތް ފަށާފައި ވަނީ ފެބްރުއަރީ މަހު އެވެ. އެ ޝަރީއަތާ ބެހޭ ތަފްސީލް އެ ގައުމުގެ ޝަރުއީ ދާއިރާ އިން ހާމަކޮށްފައެއް ނުވެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ވެސް ފަރީދޫން ވަނީ މާލީ ޖިނާއީ ކުށެއްގައި ހައްޔަރުކޮށްފަ އެވެ. އެ ފަހަރު އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.
ފަރީދޫން އަކީ 2015 ވަނަ އަހަރު ގާއިމްކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ސީނިއާ ޑިޕްލޮމެޓެކެވެ.